ކުޅިވަރު

10 ކުޅުންތެރިންނާއެކު އާސެނަލްއިން ލިވަޕޫލްއާ އެއްވަރުކޮށްފި


އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އާސެނަލުން ލިވަޕޫލާއި އެއްވަރުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ 24 ވަނަ މިނިޓުގައި އާސެނަލްގެ ގްރޭނިޓް ޝާކާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ކުޅުންތެރިއަކު މަދުކޮށްވެސް އާސެނަލުން ވަނީ ލިވަޕޫލާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި އާސެނަލަށް ގޯލެއް ޖަހައިދިނުމާއި އެންމެ ގާތަށް ޖެހިލީވެސް ސަކާއެވެ. ގޯލާ ސީދާކޮށް ލިވަޕޫލަށް މި މެޗުގައި އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނުއިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އަށެވެ.

ލިވަޕޫލްގެ އެޓޭކް ހުއްޓުވަން އާސެނަލް ފަހަތުގައި ބެން ވައިޓާއި ގަބްރިއެލް މަގާޅައެސް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މި ނަތީޖާއެކު އަންނަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅޭ ލެގުން މޮޅުވެ، އެ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދޭނެއެވެ. އަންނަމަހު 27 ވަނަ ދުވަހު ކުޅޭ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ޗެލްސީންނެވެ. އެއީ ސެމީގެ ދެ ލެގުގައި ވެސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްގެންނެވެ.

އާސެނަލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭއެވެ.