ދުނިޔެ

އިންޑިޔާއަށް އައި ބިންހެލުމުގައި 6 މީހުން މަރުވެއްޖެ


އިންޑިއާގެ އިރު އުތުރުގެ ޞަރަޙައްދަށް ރޭ ފަތިހު އައި ބާރުގަދަ ބިންހެލުމެއްގައި 6 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، 6.7 މެގްނިޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ، އިންޑިއާ ގަޑިން ފަތިހު 4:35 ގައެވެ. އިންޑިޔާގެ އިރުއުތުރުގެ 4 ސްޓޭޓަކަށް ބިންހެލުން އައިސްފައިވާއިރު، މި ބިންހެލުމުގެ ލޮޅުންތައް އެންމެ ކުރިން އައިސްފައިވަނީ، ވެސްޓް ބެންގާލް ސްޓޭޓަށެވެ. އޭގެ ފަހުން، މަނިޕޫރާއި، ނަގަލާންދާއި، އަރުނާޗަލް ޕްރަދޭޝަށް ބިންހެލުމުގެ ލޮޅުންތައް އައިސްފައިވާކަމަށް އިންޑިއާގެ ނޫސް ރިޕޯޓްތައް ބުނެއެވެ.އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއާއި ޙަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ބިމުގެ 17 ކިލޯމީޓަރު އަޑިން އައި މިބިންހެލުމުގެ ސަބަބުން، ބިންހެލުން އައި ޞަރަޙައްދުގެ ވަށައިގެންވާ 100 ކިލޯމީޓަރުގެ ޞަރަޙައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މި ބިންހެލުމުގެ ލޮޅުންތައް މިޔަންމާއާއި، ނޭޕާލާއި، ބަންގްލަދޭޝަށް ކޮށްފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.