ޚަބަރު

ޠާލިބާނުންނާ ގުޅިގެން ބޭރުގެ އެހީ ފޯރުކޮށްދޭން އެދެފި


އަފްޣާނިސްތާނުގައި ޙާލުގައި ޖެހިފައިވާ އެތައް މިލިޔަން ޢާއްމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާނުންނާ ގުޅިގެން މަސައްކަތްކުރުމަށް ގުޅިފައިވާ ކޮމިޓީއެއް އެކުލަވާލުމަށް އެ ޖަމާޢަތުން ހުށަހަޅައިފިއެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އިސްތިޢުމާރީ ސިފައިން 20 އަހަރު ދުވަސް ފަހުން އެ ޤައުމުން ފޭބުމުން ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ހުރިހާ ސަރަޙައްދެއް ގެނެސް އެ ޖަމާޢަތުގެ ވެރިކަމެއް އަނެއްކާވެސްވަނީ ޤާއިމުކޮށްފައެވެ. އެއާއެކު އަފްޣާނިސްތާނަށް ބޭރު ޤައުމުތަކާއި ޖަމުޢިއްޔާތަކުންވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލައިފައެވެ. އަދި ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ މުދަލާއި ފައިސާވަނީ ހިފަހައްޓައިފައެވެ. އެ ނިންމުމުގެ ސަބަބުން ބޭރުގެ އެހީތެރިކަމަށް ބަރޯސާވަމުންދިޔަ އަފްޣާނިސްތާނުގެ އިޤްތިޞާދު ނާޒުކު ފައްތަރަކަށް ވެއްޓި އެ ޤައުމަށްވަނީ އިންސާނީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އދގެ މަންދޫބާއެކު ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު ޢަބްދުލް ސަލާމު ޙަނަފީ ވިދާޅުވީ ގުޅިފައިވާ ކޮމިޓީއެއް އެކުލަވާލުމުގެ ބޭނުމަކީ އެހީތެރިކަން ބޭނުންވާ ޢާއްމު ރައްޔިތުން ދެނެގަނެ ހަމަހަމަކަމާއެކު ބޭރު ޤައުމުތަކާއި ޖަމުޢިއްޔާތަކުގެ އެހީ ފޯރުކޮށްދިނުމަށްކަމަށެވެ. އަދި ލަނދުދަނޑިތައް ކާމިޔާބުކުރުމުގައި އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ޙަނަފީވަނީ ބޭރު ޤައުމުތަކާއި ޖަމުޢިއްޔާތަކަށް އިލްތިމާޞްކުރައްވައިފައެވެ.

އދންވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 4.4 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ބުނެފައެވެ. އެއާއެކު އެމެރިކާއިން ބުނެފައިވަނީ އަފްޣާނިސްތާނަށް 308 މިލިޔަން އެމެރިކާ ޑޮލަރު މި އަހަރުގެ ތެރޭގައި ފޯރުކޮށްދޭނެކަމަށެވެ.