ކުޅިވަރު

މައްސަލަތަކެއް ފެނިގެންދިޔަ ޓިއުނީޝިއާ އާއި މާލީގެ ކުރިމަތިލުން މާލީ ކާމިޔާބުކޮށްފި


ރެފްރީގެ ފަރާތުން މައްސަލަތަކެއް ފެނިގެންދިޔަ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް އެފް ގައި ޓީއުނީޝިއާ އާއި މާލީ ބައްދަލުކުރިމެޗް މާލީ ކާމިޔާބުކޮށްފިއެވެ. މިމެޗް މާލީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓިއުނީޝިއާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ މާލީއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވޭ މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ މާލީގެ އިބްރާހިމާ ކޯނޭއެވެ. މިމެޗްގެ 77 ވަނަ މިނެޓްގައި ޓިއުނީޝިއާއަށްވެސް މިމެޗްގައި ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް ވަހްބީ ޚަޒްރީ ފޮނުވާލި ޕެނަލްޓީ ވަނީ މާލީގެ ކީޕަރ އިބްރާހީމް މޮއުންކޯރޯ ދިފާއުކޮށްފައެވެ. މިމެޗްގައި މައްސަލަ ދިމާވެގެންދިޔައީ މެޗްގެ ރެފްރީ ކަމަށްވާ ޒެމްބިއާގެ ޖެނީ ސިކަޒްވޭ މެޗްގެ 85 ވަނަ މިނެޓްގައި މެޗް ނިމުން ކަމަށް އެންގުމާއެކުގައެވެ. ނަމަވެސް އޭނާއަށް ހެދުނީ ގޯހެއްކަން އެނގުމުން އަލުން މެޗް ކުރިއަށް ގެންދިޔަ ނަމަވެސް އަނެއްކާވެސް ވަނީ 89 މިނެޓް 47 ސިކުންތުގައި މެޗް ނިންމާލާފައެވެ.

ރެފްރީ މެޗް ނިންމާލުމާއެކު ޓިއުނީޝިއާގެ ކޯޗް މޮންދެރު ކެބައިއަރ ވަނީ ދަނޑަށް އަރާ ރެފްރީއާއި ވާހަކަ ދައްކަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ރެފްރީ އެއިސް އެއްވެސް ކަމަކަށް ބަލާފައެއް ނުވެއެވެ. މިމެޗްގެ ދެވަނަ ހާފްގައި ވިއޭއާރު ޗެކް ކުރުމަށް ދެފަހަރަކު ހުއްޓާލިއިރު މިމެޗްގައި ވޯޓަރ ބްރޭކްވެސް ވަނީ ދީފައެވެ. ހަމަ އެއާއެކު ދެޓީމުންވެސް ބަދަލުތައް ގެނެސްފައިވުމުން ޓިއުނީޝިއާއިން ގަބޫލް ކުރާގޮތުގައި ރެފްރީ ވަނީ އެޓީމަށް ހަތްވަރަކަށް މިނެޓްގެ އިތުރު ވަގުތު ގެއްލުވާލާފައެވެ. އަދި މެޗް ނިމުންތާ 20 ވަނަރަށް މިނެޓްފަހުން މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން އަލުން މެޗްގެ ނުނިމި އޮތް ބައި ކުރިއަށް ގެންދިއުމަށް އަންގާ ދެޓީމަށް ދަނޑަށް އައްނަން އެނގުމުން މާލީއިން ދަނޑަށް ހާޒިރުވިއިރު ޓިއުނީޝިއާއިން ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ބަދަލު ރެފްރީވަނީ މާލީ އެމެޗުން މޮޅުވީކަމަށް ނިންމާފައެވެ.

މައުލޫމާތުލިބޭގޮތުގައި މިމެޗް އަލުން ފެށާކަން އަންގާފައިވަނީ ޓިއުނީޝިއާގެ ކޯޗް ޕްރެސް ކޮންފަރެންސްގައި އިންދާ އެތަނަށް މީހަކު ގޮސްކަމަށެވެ. އަދި ޓިއުނީޝިއާއިން ބުނީ އެވަގުތު އެޓީމުގެ ކުޅުންތެރިންވަނީ އައިސް ބާތު ނަގަން ފަށާފައިކަމުން ހުރިހާ ކުޅުންތެރިންވެސް ތިބީ އަލުން މެޗް ކުޅެވޭ ހާލަތުގައި ނޫން ކަމަށެވެ. ކެބައިއަރ ބުނީ އޭނާގެ 30 އަހަރުވީ ކެރިއަރުގައި މިފަދަ ކަމެއް ދުވަހަކުވެސް ނުދެކޭކަމަށެވެ.