ކުޅިވަރު

ކަރަބާއޮ ކަޕްގެ ފައިނަލުން ޗެލްސީ ޖާގަހޯދައިފި


ކަރަބާއޮ ކަޕްގެ ފައިނަލުން ޗެލްސީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަހޯދީ ސެމީފައިނަލްގައި ވާދަވެރި ޓޮޓްނަމް ހޮޓްސްޕަރ އާއި ބައްދަލުކޮށް ތިން ލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް ޗެލްސީއިން ދެލަނޑު ސުންލަނޑުން ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގް ސްޕަރސްގެ ދަނޑުގައި ކުޅެ ޗެލްސީ ކާމިޔާބު ކުރީ އެއްލަނޑު ސުންލަނޑުންނެވެ. މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައިދިނީ ޑިފެންޑަރ އެންޓޯނިއޯ ރުޑިގަރއެވެ. މިމެޗްގެ ރެފްރީ އަންޑްރޭ މެރިނަރ ސްޕަރސްއަށް ދެޕެނަލްޓީ ދީފައެވެ. ނަމަވެސް މިދެފަހަރުވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ ޕެނަލްޓީ އެއް ނޫންކަމަށް ނިންމާފައެވެ. އަދި ހެރީ ކޭން ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށްވެސް ނިންމާފައެވެ. މިމެޗް ނިމެން ގާތްވެފައިވަނިކޮށް ކުޅިބެލުންތެރިންގެ ތެރެއިން މީހަކަށް ދިމާވި އެމެޖެންސީއަކާއި ގުޅިގެންވަނީ މެޗް ކުޑައިރުކޮޅަކަށް ހުއްޓާލާފައެވެ.

މިކާމިޔާބީއާއެކު މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި އެއްކޮޅުން ޗެލްސީ ވާދަކުރާއިރު އަނެއްކޮޅުން ވާދަކުރާނެ ޓީމެއް އެނގޭނީ ލިވަޕޫލާއި އާސެނަލް ވާދަކުރާ ދެވަނަ ސެމީފައިނަލުންނެވެ. މި ސެމީފައިނަލްގެ ފުރަތަމަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ސެމީފައިނަލްގެ ފުރަތަމަ ލެގް މިރޭ ކުޅެނީ ކުރިން މެޗު ކުޅެން އޮތް ތާރީހުގައި ކޯވިޑްގެ ސަބަބުން މިމެޗް ކުރިއަށް ގެންދެވެނެކަމަށް ނުފެނުމުންނެވެ.