ކުޅިވަރު

ޗެމްޕިއަނުންނޭ ބުނުމުގެ ފުރުޞަތު ނުދެވުމުން އުފާކުރަން – ޗެތްރީ


މުޅި އުމުރު ދުވަހު ސާފްގެ ޗެމްޕިއަނުންނޭ ބުނުމުގެ ފުރުޞަތު އަފްޣާނިސްޠާނަށް ނުދެވުނީތީ އުފާކުރާކަމަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފިއެވެ. އަފްޣާން ބަލިކޮށް ސާފް ސުޒުކީކަޕް ކާމިޔާބުކުރުމށްފަހު ޗެތްރީ ބުނީ މިއަދު އަފްޣާން މޮޅުވި ނަމަވެސް ކުރިއަށް އޮތްހާ ދުވަހަކު އެމީހުން ބުނާނީ ސާފްގެ ޗެމްޕިއަންކަމަށެވެ. ނަމަވެސް ދެން އެފުރުޞަތު ނޯންނާނެކަމަށެވެ."  މިއަދު އަހަރެމެން ބަލިވިނަމަ އަފްޣާނިސްޠާން ވާނީ އަބަދުވެސް ސާފްޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނަށް. މިމުބާރާތަށްފަހު އެމީހުން ދާނީ އެހެން ޒޯނަކަށް. އެކަމަކު އަދިވެސް ކިތައް ކިތައް ސާފް ޗެމްޕިއަންޝިޕް އަންނާނެ. އަފްޣާން ތަށި ހޯދިނަމަ އެމީހުން އަބަދުވެސް ބުނާނީ ޗެމްޕިއަނުންކަމަށް. އެފުރުޞަތު ނުދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ. އެމީހުން އިތުރަށް މިމުބާރާތުގައި ވާދައެއް ނުކުރާނެ. " މުބާރާތުގެ މޮޅު ކުޅުންތެރިޔާ ބުންޏެވެ.ފައިނަލް މެޗު އިންޑިޔާ ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ޗެތްރީ ކާމިޔާބުކުރި ލަނޑުންނެވެ. ސެމީފައިނަލްގައި އިންޑިޔާ ކޮޅަށް ނަތީޖާ އަނބުރާލުމުގައިވެސް އެންމެ މުޙިއްމު ދައުރެއް އަދާކުރި ޗެތްރީއެވެ.ޗެތްރީ ވަނީ ފައިނަލް މެޗުގައި އިންޑިޔާގެ ޚާއްޞަކޮށް ކެރެލާގެ ސަޕޯޓަރުންގެ ރޫހާއި ފޯރި ފާހަގަކޮށްފައެވެ." ކުރީ މެޗުތަކުގައި އަހަރެން ހުރީ މާޔޫސްވެފައި. ނަމަވެސް މިއަދު އަހަރެން ވަރަށް އުފާވެއްޖެ. އަސްލު ކެރެލާ ފެނިއްޖެ. ފުރަތަމަ މެޗާއި ދެވަނަ މެޗު ކުޅުނު އިރު ސަޕޯޓަރުންނެއް ނުފެނޭ. އެވާހަކަ އަހަރެން ނުބުނަން. މިއަދު މިފެނުނީ ކެރެލާ. ބެންގަލޫރާއި އެހެން ސިޓީތަކުން އަދި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް އަހަރެން ޝުކުރު އަދާކުރަން. އަމިއްލަ ދަނޑުގައި ކުޅޭއިރު ފެންނަން ޖެހޭ މަންޒަރު ފެނުން. އެކެއް ސުމަކުން ފަހަތުގައި އޮތް އިރުވެސް ހުރިހާ ސަޕޯޓަރުން ދިޔައީ ހިތްވަރުދެމުން. އެނބުރި އަންނަން އެއީ ލިބުނު ވަރަށް ބޮޑު މޯޓިވޭޝަނެއް. " ޗެތްރީ ބުންޏެވެ.