ކުޅިވަރު

ދެ ޕެނަލްޓީއެއް ލިބެންޖެހޭ – އަފްޣާނިސްޠާން


ސާފް ސުޒުކީކަޕް ފައިނަލްގައި އިންޑިޔާ އަތުން ބަލިވީ ލިބެންޖެހޭ ދެ ޕެނަލްޓީއެއް ނުލިބިކަމަށް އެސިސްޓެންޓް ކޯޗު ބުނެފިއެވެ. މެޗުގެ ފަހުބައިގައި ކޯޗު ބެންޗުން ފޮނުވާލުމުން ޕްރެސްކޮންފަރެންސަށް އައި އެސިސްޓެންޓް ކޯޗު ބުނީ މިލެވެލްގެ ފުޓްބޯޅައިގައި އަބަދުވެސް ކޮންމެވެސް މީހަކަށް މިސްޓޭކް ހެދޭކަމަށާއި، ޕެނަލްޓީ ނުލިބުނީ ރެފްރީއަށް ނުފެނިގެންކަމަށް ވެދާނެކަމަށެވެ." މިލެވެލްގެ ފުޓްބޯޅައިގައި އަބަދުވެސް ކޮންމެވެސް މީހަކަށް މިސްޓޭކް ހެދޭ. އަހަރެންގެ ނަޒަރުގައި ޕެނަލްޓީއެއް ލިބެންޖެހޭ ދެފަހަރެއް ދިޔަ. މިހެން ބުނަންޖެހޭތީވެސް މަޢާފަށް އެދެން. ރެފްރީއަށް ނުފެންނަނީކަމަށް ވެދާނެ. އެހެންނަމަވެސް މިއަދު ފެނިގެންދިޔައީ ވަރަށް ރަނގަޅު ގޭމެއް. " މެޗަށްފަހު އެސިސްޓެންޓް ކޯޗު ބުންޏެވެ.އެއާއި ވިދިގެން އޭނާ ބުނީ އިންޑިޔާއިންވެސް މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، އެއީ މޮޅު ޓީމެއްކަމަށެވެ. އަދި އަފްޣާނިސްޠާނަށް މިއަދު ނަސީބުވެސް އެހީ ނުވީކަމަށެވެ." އިންޑިޔާވެސް ވަރަށް ރަނގަޅަށް ކުޅުނު. އެމީހުން ވަރަށް މަސައްކަތްކުރި. އިންޑިޔާގައި ވަރަށް މޮޅު ކުޅުންތެރިން އެބަތިބި. ޓީމްގެ ކުރީގައި ކެޕްޓަން. ނަމްބަރު ދިހައެއް އަދި އެގާރަވެސް ވަރަށް މޮޅު. އެއީ ވަރަށް ރަނގަޅު ޓީމެއް. ލިބުނު ފުރުޞަތުތަކުގެ ބޭނުންވެސް ނުހިފުނީ. ސެޓްޕީސްތައްވެސް ކާމިޔާބުނުވީ. އިންޑިވިޖުއަލް މިސްޓޭކްސްވެސް ހެދުނީ. ނަސީބުވެސް ނެތީ."  އޭނާ ބުންޏެވެ.ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން މިއަދުވެސް އަފްޣާނިސްޠާން ޓީމުން ވަނީ އެވާހަކަ ދައްކާފައެވެ. އެގޮތުން 11 ދުވަހުގެ ތެރޭގައި 5 މެޗު ކުޅެން ޖެހުނުކަން އެސިސްޓެންޓް ކޯޗު ފާހަގަކުރިއެވެ.2013 ވަނަ އަހަރުގެ ޗެމްޕިއަން އަފްޣާނިސްޠާން މިއަދު އިންޑިޔާ އަތުން ބަލިވީ 2-1 ނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ން ދެޓީމް އެއްވަރުވެގެންނެވެ. ނަތީޖާ ނެރުނީ 15 މިނިޓްގެ ދެހާފް ކުޅެގެންނެވެ.