ޚަބަރު

އިންޑޮނޭޝިޔާގައި ބޫސްޓަރު ޑޯސް ޖަހަން ފަށައިފި


ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ޖަހަން އިންޑޮނޭޝިޔާގައި ފަށައިފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅެއްގައި އިންޑޮނޭޝިޔާގައި ބޫސްޓަރު ޑޯސް ޖަހަން ނިންމާފައިވަނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށާއި މުސްކުޅިންނަށާއި ދިގުމުއްދަތަކަށް ބޭސްކުރާ މީހުންނަށެވެ.

ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހުނު މީހުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި ކޯވިޑް-19ގެ ރާޅަށްވުރެ ނުރައްކާތެރި ޙަލަތަކާ އެ ޤައުމުން ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެރިކަންވަނީ އުފެދިފައެވެ.

އިންޑޮނޭޝިޔާއިންވަނީ އެ ޤައުމުގެ 273 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 208 މިލިޔަން މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމަށް މަސައްކަތް ފަށައިފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައިވަނީ އެ ޤައުމުގެ އާބާދީގެ %56 މީހުންނެވެ. އިންޑޮނޭޝިޔާގައި ބޫސްޓަރު ޑޯސްގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ ސިނޮވެކާއި އެސްޓުރަޒެނެކާއާއި ފައިޒާއާއި ޒިފިވެކްސެވެ.

އިންޑޮނޭޝިޔާގައި 4.27 މިލިޔަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 144،000އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.