އުތުރު ކޮރެޔާގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރުމަށް އެ ޤައުމުގެ ޒަޢީމު ކިމު ޖޮން އުން ޢަމުރުކުރައްވައިފިއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކުރާތަން ބައްލަވާލެއްވުމަށް ފަހު ކިމު ވިދާޅުވީ އެ ޤައުމުގެ އަސްކަރީ ބާރުވެރިކަން އިތުރަށް ވަރުގަދަކުރަން ޖެހޭކަމަށެވެ. އަދި އެ ޤައުމުން އުފައްދައި ހަތިޔާރުގެ ޢަދަދު ގިނަކޮށް އެ ހަތިޔާރުތަކަކީ ފެންވަރު ރަނގަޅު ހަތިޔާރުތަކަކަށްވުން މުޙިއްމުކަމަށް ކިމު ވިދާޅުވިއެވެ. އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކުރާތަން އޭނާ އެންމެ ފަހުން ބައްލަވާލައްވާފައިވަނީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އުތުރު ކޮރެޔާއިން ބުނެފައިވަނީ އެ ޤައުމުން އެންމެ ފަހުން ތަޖުރިބާކޮށްފައިވަނީ އަޑަށްވުރެ ފަސްގުނަ ބާރުމިނުގައި ދަތުރުކުރައި ހައިޕަސޯނިކް މިސައިލެއްކަމަށެވެ. އެއީ ހަފުތާއެއްގެ ތެރޭގައި އުތުރު ކޮރެޔާއިން ތަޖުރިބާކުރި ދެވަނަ ހައިޕަސޯނިކް މިސައިލެވެ.
އައު އަހަރާ ދިމާކޮށް ދެއްވި ތަޤްރީރުގައި ކިމުވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަތިޔާރު އުފައްދާނެކަމަށް ވިދާޅުވެއެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ އެމެރިކާއާއި ދެކުނު ކޮރެޔާއާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވިދާޅުވީ އުތުރު ކޮރެޔާގެ ނިޔުކްލިޔަރ މަޝްރޫޢުއާއި މިސައިލް އުފެއްދުމުގެ މަސައްކަތް ހުއްޓާލުމަށް އިތުރަށް މަޝްވަރާކުރެވޭނީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހުއްޓާލައި އެމެރިކާއާއި ދެކުނު ކޮރެޔާއިން އެ ސަރަޙައްދުގައި އަސްކަރީ ތަމުރީންތައް ކުރިޔަށްގެންދިޔުން ހުއްޓާލުމުންކަމަށެވެ.
އުތުރު ކޮރެޔާއިން ހައިޕަސޯނިކް މިސައިލެއް އަނެއްކާވެސް ތަޖުރިބާކުރުމުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދާއި ދެކުނު ކޮރެޔާއާއި ޖަޕާނުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.