ޚަބަރު

ޗައިނާގެ ތިޔަންޖިންގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙްލީލުކުރަނީ


ޗައިނާގެ އުތުރުގައި އޮންނަ ރަށެއްކަމަށްވާ ތިޔަންޖިންގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙްލީޅުކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ވެރިރަށް ބެއިޖިންނާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ތިޔަންޖިންގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 33 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އެއީ އޭގެ ކުރީ ދުވަހަށްވުރެ 10 މީހުން އިތުރު ޢަދަދެކެވެ. އެއާއެކު ޗައިނާގެ ސަރުކާރުގެ ޒީރޯ ކޯވިޑް ސިޔާސަތުގެ ދަށުން އެ ރަށުގައި ދިރިއުޅޭ 14 މިލިޔަނަށްވުރެ ގިނަ މީހުން ބައްޔަށް ތަޙްލީލުކުރުމަށްވަނީ ނިންމައިފައެވެ. އެއީ އެ ރަށުގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙްލީލުކުރަން ނިންމި ދެވަނަ ފަހަރެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ފެތުރެން ފަށައިފައެވެ. އެ ގޮތުން ޗައިނާގެ މެދުތެރޭގައި އޮންނަ ހެނާން ޕުރޮވިންސްގެ އަންޔަންގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 65 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ތިޔަންޖިންނާއި އަންޔަން ހިމެނޭހެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 166 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އޭގެ ކުރީ ދުވަހު އެ ޢަދަދު ހުރީ 110ގައެވެ. ނަމަވެސް ބަލިމަޑުކަމުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާއިން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި ޗައިނާގައި 104,189 މީހުންނަށް ކޯވިޑް-19 ޖެހި 4,636 މީހުންވަނީ މަރުވެފައެވެ.