ޚަބަރު

ޗިލީގައި ކޯވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދެނީ


ޗިލީގައި ކޯވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދޭން ފަށައިފިއެވެ.

ޗިލީއަކީ ކޯވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދޭން ފެށި ދެވަނަ ޤައުމެވެ. ޗިލީއަށްވުރެ އިސްރާއީލުގައިވަނީ ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދޭން ފަށައިފައެވެ.

ޗިލީގައި ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދޭން ފަށާފައިވަނީ ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި ޗިލީގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 4،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ.

ޗިލީގެ ރައީސް ސެބާސްތިޔަން ޕިންޔޭރާ ވިދާޅުވީ ވެކްސިންގެ ހަތަރުވަނަ ޑޯސް އެންމެންނަށްވެސް ޖެހޭނެކަމަށެވެ. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ޢުމުރުން 55 އަހަރުން މަތީގެ މީހުންނަށް ހަތަރުވަނަ ޑޯސް ދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

19 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗިލީގައި 14 މިލިޔަން މީހުންވަނީ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ. އަދި 11.3 މިލިޔަން މީހުންވަނީ ތިންވަނަ ޑޯސް ފުރިހަމަކޮށްފައެވެ.