މެކްސިކޯގެ ރައީސް އަންދުރޭސް މަނުއެލް ލޮޕޭޒު އޮބްރަދޯރަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހިއްޖެއެވެ. އޭނާއަށް
ޢުމުރުފުޅުން 68 އަހަރުގެ ލޮޕޭޒު އޮބްރަދޯރަށް ބަލިޖެހުނު ނަމަވެސް އޭނާގެ ޙާލަތު ގޯހެއް ނޫނެވެ. އަދި އޭނާ އެކަހެރިވެވަޑައިގެން ހުންނަ ދުވަސްތަކުގައި އޭނާގެ ބައެއް މަސްޢޫލިއްޔަތުތައް މެކްސިކޯގެ ދާޚިލީ ވަޒީރު އަދާން އަގުސްޓޯ ލޮޕޭޒާވަނީ ޙަވާލުކުރައްވައިފައެވެ.
ވާތު ފިޔައިގެ ސީޔާސީވެރިއެއްކަމަށްވާ ލޮޕޭޒު އޮބްރަދޯރަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިވެސް ބަލިޖެހުނެވެ. އަދި އޭނާވަނީ ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް މިދިޔަ ޑިސެންބަރު މަހުގެ 7ވަނަ ޖައްސަވައިފައެވެ.
2018ވަނަ އަހަރުގެ ތެރޭގައި މެކްސިކޯގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތް ލޮޕޭޒު އޮބްރަދޯރް ކޯވިޑް-19އާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކާމެދު ޢާއްމުންގެ ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އެ ގޮތުން ލޮޕޭޒު އޮބްރަދޯރްވަނީ ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ބަލިމަޑުކަމުގެ ނުރައްކާތެރިކަމާމެދު ސުވާލު އުފައްދައިފައެވެ. އަދި ޢާއްމު ތަންތަނުގައި އޭނާ މާސްކް ތުރުކުރައްވަނީވެސް ވަރަށް މަދުންނެވެ. އޭގެ އިތުރުން ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މެކްސިކޯގައި އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއްވެސް އަޅައިފައެއް ނުވެއެވެ.
މެކްސިކޯގައި ޖުމުލަ 4.13 މިލިޔަން މީހުންނަށް ބަލިޖެހި 300،000އަށްވުރެ ގިނަ މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ.