ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ އެތައް ސަތޭކަހާސް ރޮހިންޔާ މުސްލިމުންނެއް ދިރިއުޅޭ ކޮކްސް ބާޒާރުގައި ނުރައްކާތެރި އަލިފާނުގެ ޙާދިޘާއެއް ހިނގައި އެތައް ހާސް ބަޔަކު މަގުމަތިވެއްޖެއެވެ.
ބަންގްލަދޭޝުގެ ސަރުކާރުން ބުނީ އަލިފާން ރޯވީ ކޮކްސް ބާޒާރުގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ ފޭލިގެތަކެއްގައިކަމަށާއި އެ ޙާދިޘާގައި ރޮހިންޔާ މުސްލިމުންގެ ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ހާސް ބަޔަކު މަގުމަތިވެފައިވާކަމަށެވެ. އަދި ރޮހިންޔާ މުސްލިމުން ދިރިއުޅޭ ފޭލިގެތަކެއްގައި ރޯވި ސަބަބު ހޯދުމަށް ތަޙްޤީޤެއް ކުރަމުންދާކަމަށާއި އެ ޙާދިޘާގައި އެއްވެސް މީހެއްގެ ފުރާނަ ނުގެއްލޭކަމަށް ބަންގްލަދޭޝުގެ ސަރުކާރުން ބުނެފައިވެއެވެ. އެ ސަރަޙައްދުގައި ހިނގި އެހެން އަލިފާނުގެ ޙާދިޘާއެއްގައި ރޮހިންޔާ މުސްލިމުންނަށް ކޯވިޑް-19އަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒަކަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ކޮކްސް ބާޒާރުގައި އެއް މިލިޔަނަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ދިރިއުޅެއެވެ. އަދި އެއީ ދުނިޔޭގައި އެންމެ ގިނަ ހިޖުރަވެރިން އެއް ތަނަކަށް ޖަމާވެފައިވާ ސަރަޙައްދެވެ. މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ކޮކްސް ބާޒާރުގައި ހިނގި އަލިފާނުގެ ޙާދިޘާއެއްގައި 10،000 ފޭލިގެ އަނދައި ހުލިވެ ރޮހިންޔާ މުސްލިމުންގެ 15 މީހުން މަރުވެފައިވެއެވެ.