ޚަބަރު

ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏަށް ލުޔެއް ދޭން ލަންކާއިން އެދިއްޖެ


ޗައިނާއަށް ދައްކަން ޖެހޭ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ދަރަންޏަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ސުރީ ލަންކާއިން އެދިއްޖެއެވެ.

ސުރީ ލަންކާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވާން ޔީ އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެދިވަޑައިގެންނެވިކަމަށެވެ. އެ ގޮތުން ކޯވިޑް-19ގެ ޙާލަތުގައި ސުރީ ލަންކާގެ އިޤްތިޞާދު ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާކަން ފާހަގަކުރައްވަމުން ޗައިނާއަށް ދައްކަން ޖެހޭ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ދަރަނި ދެއްކުން ފަސްކުރުމަށް ނުވަތަ ބަހާލައިގެން ދައްކަން ޖެހޭ ގޮތަކަށް ހަމަޖައްސައި ދިނުމަށް ގޮތަބަޔާ އެދިވަޑައިގެންނެވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޤްތިޞާދީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ސުރީ ލަންކާގެ ރައީސް ގޮތަބަޔާވަނީ އެ ޤައުމަށް ޗައިނާގެ ފަތުރުވެރިން ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. ކޯވިޑް-19 ފެތުރުމުގެ ކުރިން ސުރީ ލަންކާއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އަދި ސުރީ ލަންކާއަށް އެންމެ ގިނަ ޢަދަދެއްގެ މުދާވެސް އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވާން ޔީއާއެކު ބޭއްވެވި ބައްދަލުވުމުގައި ގޮތަބަޔާވަނީ އެ ޤައުމުގެ މުދާ ފަސޭހަކަމާއެކު ޗައިނާއަށް ބޭރުކުރެވޭނެ ގޮތްތަކެއްވެސް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އެ ގޮތުން 2020ވަނަ އަހަރުގެ ތެރޭގައި ސުރީ ލަންކާއިންވަނީ 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ މުދާ ޗައިނާއަށް ބޭރުކޮށްފައެވެ.

ސުރީ ލަންކާއަށް ހަތަރުވަނައަށް އެންމެ ގިނައިން ފައިސާ ފޯރުކޮށްދެނީ ޗައިނާއިންނެވެ. އެ ގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ސުރީ ލަންކާގެ މަގުތައް ހެދުމަށާއި ބަނދަރުތައް އެޅުމަށާއި ވައިގެ ބަނދަރެއް ތަރައްޤީކުރުމަށާއި ބޯޓުދެލި ނަގައި ކާރުހާނާއެއް ބިނާކުރުމަށް ޗައިނާއިންވަނީ 5 ބިލިޔަން އެމެރިކާ ޑޮލަރު ދީފައެވެ. ސުރީ ލަންކާއިން ޗައިނާއަށް ދައްކަން ޖެހޭ ޖުމުލަ ދަރަނީގެ ޢަދަދު 4.5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 500 މިލިޔަން އެމެރިކާ ޑޮލަރު މި އަހަރުގެ ތެރޭގައި ދައްކަން ޖެހެއެވެ. ނަމަވެސް ދަރަނިތައް ބޮޑުވެ އިޤްތިޞާދީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ސުރީ ލަންކާ އޮތީ ބަންގުރޫޓުވުމާ ކައިރިވެފައެވެ.