ޚަބަރު

އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު އަށްގުނައަށް އިތުރުވެއްޖެ


އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އަށްގުނައަށް އިތުރުވެއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 179,723 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 35.7 މިލިޔަނަށް އިތުރުވެފައެވެ. އެމެރިކާއަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އޭގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހިގެން 146 މީހުންވަނީ މަރުވެފައެވެ. ބަލިމަޑުކަމުގައި އެ ޤައުމުގައި ޖުމުލަ 483,936 މީހުންވަނީ މަރުވެފައެވެ. އިންޑިޔާއަށްވުރެ ގިނައިން މީހުން މަރުވެފައިވަނީ ހަމައެކަނި އެމެރިކާއާއި ބުރެޒިލުންނެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި އެ ޤައުމުގެ ބޮޑެތި އާބާދީތައް އޮންނަ ނިޔު ދިއްލީއާއި މުންބާއީއާއި ކަލްކަތާގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ ވަރަށް ބޮޑަށް ފެތުރެން ފަށައިފައެވެ. އެއާއެކު އެ ޤައުމުގެ ސުޓޭޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ޖެހުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެ ގޮތުން އިންޑިޔާގައި ބޫސްޓަރު ޑޯސް ދޭން ނިންމާފައިވަނީ ޞިއްޙީ ޚިދުމަތްތެރިންނާއި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރައި ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ.

1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި %67 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ.