ޚަބަރު

3 ރަށެއްގެ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފި


އަތޮޅުތެރޭގެ 3 ރަށެއްގެ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ބަޔަކާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ށ. ޅައިމަގު، އއ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ރ. އިނގުރައިދޫ ސްކޫލްގައި ކްލާސްރޫމް، ސްޓާފްރޫމް، އޮފީސް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތެވެ.

ށ. ޅައިމަގު އަދި އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. ރ. އިނގުރައިދޫ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.

ށ. ޅައިމަގު ސްކޫލް އަދި އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހްލަމް ރުޝްދީއެވެ.

މި އެއްބަސްވުމުގެ ދަށުން ށ. ޅައިމަގު ސްކޫލްގައި 8 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން ސޯޅަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކުރާނެއެވެ. އަދި މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.

މި އެއްބަސްވުމުގެ ދަށުން އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 8 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އޭގެ އިތުރުން އެ ސްކޫލްގެ އޮފީސް އަދި ސްޓާފްރޫމް އިމާރާތްކުރުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ. މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން އެކާވީސް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާނެއެެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެއް އަހަރާއި ދެ މަސްދުވަހުގެ މުއްދަތެއްގައި މި މަސައްކަތް ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަނާއި ހަވާލުކުރި ރ. އިނގުރައިދޫ ސްކޫލްގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހީމް އަހްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން ރ. އިނގުރައިދޫ ސްކޫލްގެ 4 ކްލާސްރޫމްއަކާއި ސްޓާފްރޫމްއެއްގެ އިތުރުން މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާއިރު މި މަސައްކަތް ނިންމުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.