ޚަބަރު

ސުލައިމާނީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުންނަށް އީރާނުގެ ދަތިކުރުމުގެ ފިޔަވަޅު


އީރާނުގެ އިސް އަސްކަރީވެރިއެއްކަމަށްވާ ޤާސިމު ސުލައިމާނީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް އެ ޤައުމުން ތުޙްމަތުކުރައި އެމެރިކާގެ 51 މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެމެރިކާގެ 51 މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ އިންސާނީ ޙައްޤުތަކާ ޚިލާފުވެ ޖަރީމާތައް ހިންގާފައިވާތީއެވެ. އެއާއެކު އެ މީހުންގެ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް އީރާނުގައި ހުރިނަމަ އެ އެއްޗެހި ދަޢުލަތަށް ނަގާނެކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅު އަމާޒުވި އެއްވެސް މީހެއްގެ ފައިސާއެއް ނުވަތަ މުދަލެއް އީރާނުގައި ހުރިކަމަކަށް ނުބެލެވެއެވެ. އެހެންކަމުން އީރާނުން އެޅި ފިޔަވަޅަކީ ރަމުޒީ ފިޔަވަޅެއްކަމަށް ސިޔާސީ ތަޖުރިބާކާރުންވަނީ ސިފަކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ސިފައިންގެ ޖެނެރަލެއްކަމަށްވާ މާކް މައިލީއާއި އޭރުގެ ޖޮއިންޓު ޗީފް އޮފް ސުޓާފުގެ ޗައަރމަން އަދި ކުރީގެ ދިފާޢީ މޫޝީރެއްކަމަށްވާ ރޮބާޓު އޯބްރަޔަން ހިމެނިވަޑައިގަންނަވާކަމަށެވެ. މީގެ ކުރިން އީރާނުންވަނީ ސުލައިމާނީ އަވަހާރަކޮށްލަން ޙަމަލާ ދިނުމުގެ ޙުއްދަ ދެއްވި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3ވަނަ ދުވަހު ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި އަވަށްތެރި ޢިރާޤަށް އޭނާ ވަޑައިގަތުމުން އެމެރިކާއިން ދިން ޑުރޯން ޙަމަލާއެއްގައެވެ. ސުލައިމާނީއަކީ އީރާނުގެ އިންޤިލާބީ ފައުޖުގެ ޤުދުސް ފޯސްގެ އެންމެ އިސްވެރިޔާއެވެ. ޤުދުސް ފޯސަކީ ޤައުމުން ބޭރުގައި އީރާނުގެ އަސްކަރީ ޙަރަކާތްތައް ހިންގައި ގޮތްޕެވެ. އެ ގޮތުން ސުލައިމާނީއަކީ އީރާނުގެ އަސްކަރީ ޙަރަކާތްތަކުގެ އިސް ރޭވުންތެރިޔާގެ އިތުރުން ސޫރިޔާއާއި ޢިރާޤުގައި އީރާނުން ހިންގާ ޙަރަކާތްތަކާ ޙަވާލުވެ ހުންނެވި ބޭފުޅާއެވެ. އޭނާ އަވަހާރަކޮލިތާ ދެ އަހަރުފުރުމުގެ ހިތާމައިގައި ޢިރާޤާއި އެ ނޫންވެސް އެހެން ޤައުމުތަކުގައި ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ.