ޚަބަރު

ދިހަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި


ޢުމުރުން 10 އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އުތުރުގެ ރަށަކުންކަމަށެވެ. 10 އަހަރުގެ ފިރިހެން ކުއްޖަކަށް އިހުމާލުވިކަމަށް ބުނާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ ދޮން މަންމައަކު އޭނާގެ ދޮން ދަރިއަކަށް އަނިޔާކުރި މައްސަލައެކެވެ. މި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ވަރަށް ސީރިއަސް ކަމާއިއެކު ބަލަމުންދާ މައްސަލަތަކެއްކަމުން، މި މައްސަލާގައި އިހުމާލުވި ކުއްޖާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކުރައްވާފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.