ޚަބަރު

ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ރާއްޖެ ވަޑައިގެންފި


ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ރާއްޖެ ވަޑައިގެންފިއެވެ. ޗައިނާގެ ފޮރިން މިނިސްޓަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަދި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. ފޮރިންގ މިނިސްޓަރ ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިންގ މިނިސްޓަރއަށް މަރުޙަބާ ދެންނެވުމަށް ފޮރިންގ މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޗައިނާ ފޮރިންގ މިނިސްޓަރގެ މިދަތުރުފުޅަކީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ރަސްމީ މަޝްވަރާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ޗައިނާގެ ފޮރިން މިނިސްޓަރގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޗައިނާގެ ފޮރިންގ މިނިސްޓަރ ވާންގް ޔީއާއި ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އިންސާނީ ވަޞީލަތާއި ޢުމްރާނީ ތަރައްޤީއާއި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ރާއްޖެއަށް އަބަދުވެސް ޗައިނާގެ އެހީ ރާއްޖެއަށް އަންނަނީ ލިބެމުންނެވެ. މިއަހަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ.