ޚަބަރު

އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދު 100،000އަށްވުރެ މައްޗަށް


ގިނަ ދުވަސްތަކަކަށްފަހު އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 100،000އަށްވުރެ މައްޗަށް ގޮސްފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެންވަނީ ފަށައިފައެވެ. އެއާއެކު ހަފުތާއެއްގެ ތެރޭގައި އެ ޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ ފަސްގުނައަށް އިތުރުވެފައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 117,100އަށް އިތުރުވެފައެވެ. އެއީ ފާއިތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ޢަދަދުތައް އެ މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިގެން 302 މީހުންވަނީ މަރުވެފައެވެ. އެއާއެކު ބަލިމަޑުކަމުގައި އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 483,178އަށް އިތުރުވެފައެވެ. އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 35.23 މިލިޔަނަށްވުރެ އިތުރުވެފައެވެ.

އިންޑިޔާގެ ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ޤައުމުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އެބައޮތެވެ. އެ ގޮތުން މިދިޔަ މޭއި މަހުގެ ތެރޭގައި އެއް ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ރެކޯޑު ޢަދަދެއްކަމަށްވާ 414,000އަށްވުރެ ގިނަ މީހުންނަށް ކުރިޔަށް އޮތް ދުވަސްތަކުގައި ބަލިޖެހުމުގެ ފުރުޞަތު އޮތްކަމަށް އިންޑިޔާގެ ސަރުކާރުން ލަފާކުރެއެވެ. ޚާއްޞަކޮށް އެއް ދުވަހުގެ ތެރޭގައި އެމެރިކާގައި އެއް މިލިޔަން މީހުންނަށް ބަލިޖުހުމުން އިންޑިޔާއަށްވެސް އެފަދަ ޙާލަތެއް ދިމާވެދާނެކަމަށް ބަލައި އެ ޤައުމުގެ ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް ގެނެސް ގިނަ ޢަދަދެއްގެ ބަޔަކަށް ވެކްސިން ޖެހުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ.