ޚަބަރު

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް


މިދިޔަ ހޯމަ ދުވަހު ވ.އަތޮޅު ބޭރަށް އަޑިއަށް ދިޔަ އަލަމާ-5، ދޯނިން ގެއްލުނު 3 މީހުންގެ ތެރެއިން ދިވެހި ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާ، މިހާތަނަށް 5،692 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ހޯދައި ބާލާފައިވާކަމަށް އެމެއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ދޯނި އަޑިއަށް ދިޔައީ ފ.ފީއަލިން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށެވެ.
ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކައި އެމްއެންޑީއެފުގެ ކޯސްޓްގާޑުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. މިމަސައްކަތުގައި އެ ސަރަޙައްދުތަކުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ވެސް ދަނީ ހޯދަމުންނެވެ.

އަލަމާ-5، ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ދިވެހި މީހާއަކީ ދޯނީގެ ކެޕްޓަނެވެ. ދެބިދޭސީންވެސް ގެއްލުނެވެ. އެހެންނަމަވެސް ކޯސްޓުގާޑުންވަނީ އެ ދެ ބިދޭސީން ކަނޑުމަތިން ހޯދާފައެވެ. ފެނުނުއިރު އެމީހުންތިބީ ހަންތަކެއްގެ އެހީގައެވެ.

އަލަމާ ދޯނި އަޑިއަށް ގޮސްފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑިއެފަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 23:22 ހާއިރުއެވެ. ދޯނި އަޑިއަށްދިޔަ ސަބަބެއް އަދި ހާމަކޮށްފައެއްނުވެއެވެ.