ޚަބަރު

އިންޑިޔާގައި އޮމިކްރޯން ފެތުރުނު ނަމަވެސް އެނދުމަތިވާ މީހުންގެ ޢަދަދު ދަށް


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު އިންޑިޔާގައި ފެތުރުނު ނަމަވެސް އެ ޤައުމުގައި ބަލިޖެހިގެން އެނދުމަތިވާ މީހުންގެ ނިޞްބަތް ދަށްކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 90,928 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެއީ މީގެ ދެތިން ދުވަހަށްވުރެ ހަތަރު ގުނަ އިތުރު ޢަދަދެކެވެ. އެ ވުޒާރާއިން ބުނެފައިވަނީ ބަލިޖެހޭ ގިނަ މީހުންގެ ޙާލަތު ގޯސްނުވައިކަމަށާއި ގޭގައި އަމިއްލައަށް ފަރުވައި ހޯދައިގެން ގިނަ މީހުން ބަލިން ފަސޭހަވާކަމަށެވެ. އެ ވުޒާރާއިން ބުނެފައިވަނީ އިންޑިޔާގައި އެންމެ ބޮޑަށް ބަލިފެތުރެނީ ނިޔު ދިއްލީއާއި މުންބާއީ ކަލްކަތާއާއި ޗެންނާއީއާއި ބެންގަލޫރުފަދަ އާބާދީ ބޮޑެތި ސަރަޙައްދުގައިކަމަށެވެ. ނަމަވެސް ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބެން ނެތް އަވަށްތަކަށް ބަލިފެތުރި ޙާލަތު ގޯސްވުން އެކަށީގެންވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިޔާގައި އެންމެ ބޮޑަށް ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ ވެސްޓު ބެންގޯލް ސުޓޭޓުގެ ވެރިރަށް ކަލްކަތާގައެވެ. އަދި 15 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ކަލްކަތާގެ ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް ގެނައި ނަމަވެސް އެނދުމަތިވަމުންދާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިން ބުނެއެވެ.

އިންޑިޔާގައި 2,135 މީހުންނަށްވަނީ އޮމިކްރޯން ޖެހިފައެވެ. އަދި އޮމިކްރޯން ޖެހިގެން އެކަކުވަނީ މަރުވެފައެވެ. ބަލިމަޑުކަމުގައި އެ ޤައުމުގައި ދުވާލަކު 325 މީހުން މަރުވެފައެވެ.

އެމެރިކާއަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އެ ގޮތުން އެ ޤައުމުގައި 35 މިލިޔަން މީހުންނަށް ބަލިޖެހި 482,876 މީހުންވަނީ މަރުވެފައެވެ.