ޚަބަރު

މާލެތެރެ ހަޑިވާ ކަހަލަ އަމަލުތައް ހުއްޓުވަނީ


އެކި ބޭނުންތަކަށް އިޝްތިހާރުކުރުމަށް ގަސްގަހާއި ހޮޅިދަނޑި ބޭނުން ނުކުރުމަށާއި އަދި މަގުމަތީ ފާރުތަކާއި އެއްގަމު ތޮށިގަނޑާއި މަގުތަކުގެ ކަންކަންމަތީގައި ހަރުކޮށްފައިވާ ރޭލިންގްގައި އިޝްތިހާރު ހަރުނުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގަވައިފިއެވެ.މި ގޮތަށް ނިންމެވީ މާލޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވެވުމަށް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މާލޭގެ މަގުތަކުގައި އެކި ބާވަތުގެ އިޝްތިހާރު ހަރުކުރަމުން ގެންދާނަމަ، އެ ފަރާތްތަކާއި މެދު އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިނިސްޓްރީން މިގޮތަށް ކަނޑައެޅުއްވީ މިހާރަކަށް އައިސް އެއްވެސް ކަހަލަ ތަރުތީބެއް ނެތި ބައެއް ފަރާތްތަކުން މާލޭގެ މަގުތަކާއި، އާއްމުން އެއްވެ އުޅޭ ސަރަޙައްދުތަކުގައި އިޝްތިހާރު ބޯޑު ހަރުކުރަމުން ދިޔުމުގެ ސަބަބުން މާލެތެރެ ވަރަށް ބޮޑަށް ހަޑިވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމުގެ މަޤުސަދުގައި ކަމަށެވެ.މިނިސްޓްރީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އެއްގޮތަށް މާލޭގެ މަގުތަކުގައި އިޝްތިހާރު ބޯޑު ހަރުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ހަވާލުކުރައްވާފައިވަނީ ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއާއެވެ. ނަމަވެސް، އެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރައްވަމުން ނުގެންދަވާކަން ފާހަގަކުރެވިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހައުސިންގ މިނިސްޓްރީއާއި، ވިޔަފާރިވެރިންގެ ޖަމިއްޔާއާއި ދެމެދު ވެވުނު އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަމުންނުދާތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބައްލަވަމުން ގެންދަވާކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ. އިޝްތިހާރު ބޯޑު ހަރުކުރެވޭނެ ވަކި މިންގަނޑުތަކެއް މިނިސްޓްރީން ކަނޑައަޅުއްވާފައިވާއިރު، މާލޭގެ މަގުތަކުގައި އިޝްތިހާރު ބޯޑު ހަރުކުރެވޭނީ މިނިސްޓްރީއަށް އެކަން ހުށަހެޅުމުން، މިނިސްޓްރީން ބަލާ ބެލުންތަކަށްފަހު، މާލޭގެ ކަނޑައެޅިފައިވާ ވަކި ސަރަޙައްދުތަކެއްގައެވެ.