ޚަބަރު

"ރާއްޖެއިން އިސްރާއީލާއެކު ގުޅުން ޤާއިމްކުރަން މަސައްކަތެއްވެސް، މަޝްވަރާއެއްވެސް ނުކުރޭ"


ދިވެހިރާއްޖެއާއި އިސްރާއީލާ ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއްވެސް އަދި އެފަދަ ކަމެއްގެ މަޝްވަރާއެއްވެސް ނުކުރައްވާކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖެއާއި ޔަހޫދީ ދައުލަތް އިސްރާއީލާ ދެމެދު ގުޅުން ޤާއިމްކުރަން އުޅޭކަމަށް ބުނެ ބޭރުގެ ބައެއް މީޑިއާތަކާ ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި މިއަދުވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާގުޅިގެން ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ދިވެހިރާއްޖެއާއި އިސްރާއީލާ ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއްވެސް އަދި އެފަދަ މަޝްވަރާއެއްވެސް ދިވެހި ސަރުކާރުން ނުކުރާކަމަށެވެ.

ދެން އިސްރާއީލާއެކު ގުޅުން ޤާއިމްކުރާނީ ރާއްޖެއިންކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާއިރު، ދިވެހިރާއްޖެއަކީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ބައިނަލް އަޤްވާމީ މައިދާނުގައި އެންމެބޮޑަށް ކުށްވެރިކުރާ އެއް ޤައުމެވެ.

އެންމެ ފަހުން ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައިވެސް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިތިބި ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އަދި އދ.ގެ ޢާއްމު މަޖިލީހުގައި ތަޤުރީރުކުރައްވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ގެނެވޭނީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް، ޢަރަބި ޤައުމުތަކާ އިސްރާއީލާދެމެދު ހަރުދަނާ މަޝްވަރާތަކެއް ކޮށްގެންކަމަށް ވިދާޅުވެފައެވެ.

އަދި ޒަމާނުއްސުރެ ދިވެހިރާއްޖެއިން ފަލަސްޠީނުގެ މިނިވަންކަމުގެ ހައްޤުގައި ވަކާލާތުކުރާކަން ފާހަގަކުރައްވައި ރާއްޖެއިން އަބަދުވެސް ފަލާސްޠީނާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ފަލަސްޠީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އދ.ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަކުރައްވައި، ރައީސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް އިސަލާއީލުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ޢާންމު މަޖިލީހާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް އަރައިގަނެ، ފަލަސްޠީން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.

މިތަޤުރީރަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފަލަސްތީނުން ޝުކުރު އަދާކުރިއެވެ.