ޚަބަރު

ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މީހުން - ފުލުހުން


އިިދިކޮޅު ޕީޕީއެމުން މިއަދު މާލޭގައި ކުރިއަށްގެންދިޔަ ޙަރަކާތުގެތެރެއިން ހައްޔަރުކުރީ ފުލުހުންގެ ދައުރުއަދާކުރަން ހުރަސްއެޅި މީހުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ޕީޕީއެމުން ކުރިއަށްގެންދިޔަ ހަރަކާތުގެ ބައިވެރިންގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މި 11 މީހުންގެތެރޭގައި ހިމެނެނީ 9 އަންހެނަކާއި، 2 ފިރިހެނުނެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ. މިއަދު އިދިކޮޅުންވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް މަގުމަތީގައި ބާއްވާފައެވެ. އެގޮތުން އިންޑިއާ މިލިޓަރީ އައުޓް ޖަހާފައިވާ ޓީޝާޓުގައި އަދި އެޝިޔާރު ޖެހި ދިދަހިފައިގެން ބައެއް މަގުތަކުގައި އެމީހުންވަނީ ހަރަކާތްތެރިވެފައެވެ. އަދި އޭގެ ތެެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެންދިޔަ ފޮޓޯ އަދި ވީޑިއޯތައްވަނީ ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ.

އިދިކޮޅުން ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާ، އެހެންނަމަވެސް ފަރުދީ ފެންވަރުގައި ހިނގާފާނެ ކަންކަމާމެދު ކަންބޮޑުވާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

އަދި އިންޑިއާ އައުޓް ޙަރަކާތަކީ ޤައުމާ ދެކޮޅަށް ހިންގާ ޖަރީމާއެއްގޮތުގައި ސިފަކުރައްވައި އެ ޙަރަކާތް ހިންގަން ސަރުކާރުން ދެން ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުވަނީ ވިދާޅުވެފައެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިތުރުން އެންއެންޕީ އަދި އެމްޓީޑީންވެސް ވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެެއިންނާ ދެކޮޅުކަން ހާމަކޮށް، އެއީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުމަށް ހިންގާ ނޭއްގާނީ އަމަލެއް ކަމަށް ސިފަކޮށްފައެވެ.