ޚަބަރު

ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަނީ، ސަމާލުވޭ!


މިދުވަސްވަރު ރާއްޖޭގައި ބޭރަށްހިންގުމާއި ހޮޑުލުމުގެ ބަލިމަޑުކަން އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

އެކިއުޓް ގޭސްޓްރޯ އެންޓްރައިޓިސް(ޑައިރިއާ) ނުވަތަ ބޭރަށްހިންގުމަކީ ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ. މިވަގުތު ފެތުރެމުންދާ މިބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ބޭރަށްހިންގުމާއި ހޮޑުލެވުންދަފަ ކަމެއް ކުރިމަތިވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޭރަށްހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. އެގޮތުން ފާޚާނާ ކުރުމަށްފަހުއާއި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ޚާއްސަގޮތެއްގައި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮންނަންވާނެއެވެ. އަދި ކުޑަކުދިންނަމަ ބޭރަށް ހިންގުމުގެ ޢަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން އެކުދިން ސްކޫލަށް ނުވަތަ އެހެންކުދިން އެއްވާ އެނޫންވެސް ތަންތަނަށް ނުފޮނުވައި މަޑުކޮށްލުން މުހިންމެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2021ވަނަ އަހަރު ރާއްޖޭގެ އެހެން ރަށްތަކާ އަޅާ ބަލާއިރު މާލެ ސަރަޙައްދުން މިބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދު އިތުރެވެ. އަތޮޅުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް އެންމެ ގިނައިން މިބަލި ރިޕޯޓުކޮށްފައިވަނީ ކ.އަތޮޅާއި އދ، އަދި ހދ. އަތޮޅުންނެވެ. އެހެންނަމަވެސް މީގެ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު 2021ވަނަ އަހަރު މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު ނިސްބަތުން ދައްވެފައިވާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ބޭރަށްހިންގުމުން ދިމާވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ހަށިގަނޑުން ލޮނާއި ފެން މަދުވެގެން ދިޔުމެވެ. މިކަމުން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.

ބޭރަށްހިންގުމާއި ހޮޑުލެވުމާއި މިނޫންވެސް މިފަދަ ޢާއްމު ބަލިތަކުގެ ކޭސްތައް އިތުރުވެފައިވާނީ އެޗްޕީއޭއިން ވިދާޅުވީ، އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭގޮތް ނުވުމާއި ކުޑަކަމުދެވޭ މިންވަރު މަދުވުމާއި ހޮޑުލެވޭއިރު ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދެވޭތަކެތީގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ސިއްޙީގޮތުން ބަލާއިރު ބޭރަށްހިންގުން ބަހާލެވިފައިވަނީ ދެ ބަޔަކަށެވެ. އެއީ އެކިއުޓް ޑައަރރިއާ އާއި ކްރޯނިކް ޑައަރިއާ އެވެ. އެކިއުޓް ޑައަރރިއާ ޖެހުމުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހަށިގަނޑުން ފެންމަދުކޮށްލާނެއެވެ. ބައެއްފަހަރު ފެންމަދުވުމުގެ ސަބަބުން އެތެރެހަށީގައިވާ އެހެންނިޒާމުތަކުގެ މަސައްކަތަށް ބުރޫއަރައި ބަލިމީހާގެ ފުރާނައަށް ގެންލުންލިބޭހިސާބަށް ދެއެވެ. މި ގޮތުން ނުރައްކާތެރިހާލަތެއް މެދުވެރިވުމުގެ ފުރުސަތު ބޮޑީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި ބޭރަށްހިންގަން ފަށާތާ ކައިރީގައި އެކަށީގެންވާ ރަނގަޅު ފަރުވާއެއް ނުދެވިއްޖެނަމަ ކްރޯނިކް ޑައަރރިޔާއަށް ބަދަލުވެ ބަލި ދިގުލާގޮތްވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އަދި ބޭރަށް ހިންގުމުގެ ސަބަބުން ހަށިގަނޑުގެ އެހެންނިޒާމުތަކަށް ނުވަތަ ގުނަވަންތަކަށް އަސަރުކޮށް ދާއިމީކޮށް ހުޅުތަކުގައި ރިއްސުންފަދަ މައްސަލަތައް ދިމާވުމަކީވެސް އެކަށީގެންވާކަމެކެވެ.

އެހެންކަމުން މިދުވަސްވަރު ޢާއްމުވެފައިވާ ބޭރަށްހިންގުންފަދަ ބަލިތަކަށް ސަމާލުވުމަކީ މުހިންމުކަމެކެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަކީ ތިމާއާއި އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.