ޚަބަރު

އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފި


އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފިއެވެ.

އައު އަހަރުގެ މުނާސަބަތުގައި ޤައުމާ މުޙާތަބުކުރައްވަމުން އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންވަނީ އެ ޤައުމުގެ އަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެ ވާހަކަދައްކަވައިފައެވެ. އެއާއެކު މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއިންވަނީ ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފައެވެ.

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލެއް ތަޖުރިބާކުރިތާ މަދު ގަޑިއިރުތަކެއް ފަހުން ދެކުނު ކޮރެޔާގެ ރައީސް މޫނު ޖެއި އިންވަނީ ދެ ކޮރެޔާގެ ދެމެދުގައި ރޭލު ވިއުގައެއް އިފުތިތާޙްކޮށްދެއްވައިފައެވެ. އެ ހަފުލާގައި ވާހަކަދައްކަވަމުން މޫނު ވިދާޅުވީ އެ ރޭލު ވިއުގައަކީ ދެ ކޮރެޔާ ގުޅާލައި ދެ ޤައުމުގެ ދެމެދުގައި ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އެޅި މުޙިއްމު ފިޔަވަޅެއްކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަމުންދަނިކޮށް އުތުރު ކޮރެޔާއިންވަނީ ބެލިސްޓިކް މިސައިލެއް ތަޖުރިބާކުރުމުން މޫނުވަނީ ހިތްހަމަނުޖެހުން ފައުޅުކުރައްވައިފައެވެ. އެ ގޮތުން މަޞްރަޙު ފިނިކުރުމަށް އުތުރު ކޮރެޔާއިން ހެޔޮ ނިޔަތަކާއިއެކު މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ކޮރެޔާގެ ދެމެދުގައި ރޭލު ވިއުގައެއް ޤާއިމުކުރުމަށް މޫނާއި ކިމު އެއްބަސްވެވަޑައިގެންފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. ނަމަވެސް އޭގެ ފަހުން ދެ ކޮރެޔާގެ ދެމެދުގައި އެކަށީގެންވާ މަޝްވަރާތަކެއް ކުރެވިފައެއް ނުވެއެވެ.