ޚަބަރު

ޗައިނާގެ އިތުރު ސަރަހައްދުތަކުގައި ބަލިފެތުރެނީ


ޗައިނާގެ އިތުރު ސަރަޙައްދުތަކުގައި ކޯވިޑް-19 ފެތުރެން ފެށުމުން އެ ޤައުމުގެ ސަރުކާރުން ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ޗައިނާގެ އިތުރު ސަރަޙައްދުތަކުގައި ބަލިފެތުރެން ފަށާފައިވަނީ ފިނި މޫސުމުގެ އޮލިންޕިކްސް ކުޅިވަރުތަކާއި ޗައިނާގެ އައު އަހަރުގެ ޗުއްޓީގެ ދުވަސްވަރު ފަށަން ކައިރިވެފައިވަނިކޮށެވެ. ޗައިނާގެ ސަރުކާރުން ޢަމަލުކުރަމުންދާ ސިޔާސަތުތަކުގެ ދަށުން އެ ޤައުމުގެ ރަށަކުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެ ސަރަޙައްދު ފުރަބަންދުކޮށް އެ ރަށުގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙްލީލުކުރެއެވެ.

ޗައިނާގައި އެންމެ ފަހުން ކޯވިޑް-19 ފެތުރެން ފަށާފައިވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ހެނާން ޕުރޮވިންސުގެ ޔޫޒޯގައެވެ. އެ ގޮތުން ޗައިނާގެ ސަރުކާރުންވަނީ އެ ރަށުގައި ދިރިއުޅޭ 1.1 މިލިޔަން މީހުން ފުރަބަންދުކޮށްފައެވެ. ނަމަވެސް އެ ރަށުން ބަލިޖެހިފައިވަނީ 22 މީހުންނަށެވެ. ޗައިނާގެ ސަރުކާރުން ބުނެފައިވަނީ ޔޫޒޯގައި ބަލިފެތުރެން ފެށުނު ގޮތް ޙޮދިފައިވާ ނުވައިކަމަށާއި އެ ރަށުގެ ޙާލަތު ގޯސްވުންވެސް އެކަށީގެންވާކަމަށެވެ. އޭގެ އިތުރުން ޗައިނާގެ ސަރުކާރުންވަނީ ހެނާން ޕުރޮވިންސުގެ އިތުރު ތިން ރަށެއްވެސް ފުރަބަންދުކޮށްފައެވެ. އެ ގޮތުން ޗައިނާގެ ސަރުކާރުން ނިންމާފައިވަނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތައް މިލިޔަން މީހުންނެއް ބައްޔަށް ތަޙްލީލުކުރުމަށެވެ. އަދި އެ ސަރަޙައްދުތަކަށް ޙުއްދަނެތި ވަނުންވަނީ މަނާކޮށްފައެވެ.

ޗައިނާގައި އެންމެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ޝާންޝީ ޕުރޮވިންސްގެ ވެރިރަށް ޝިއަންގައެވެ. އެ ރަށުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކޮށްފައި އޮންނަތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި ޝިއަނުން ދަތުރުކުރުމާއި އެ ރަށަށް އެތެރެވުންވަނީ މަނާކޮށް އެ ރަށުގައި ދިރިއުޅޭ މީހުން ބައްޔަށް ތަޙްލީލުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އަދި އެ ރަށުގައި ދިރިއުޅޭ މީހުން ބައްޔަށް ތަޙްލީލުކޮށް ނިމެންދެން ބާޒާރުކުރުންފަދަ ކަންކަމުގައި ގެއިން ބޭރަށް ނުކުތުންވެސްވަނީ މަނާކޮށްފައެވެ.

މީގެ ދެ އަހަރުދުވަސް ކުރިން ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި ޗައިނާގައި 102,932 މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 4,636 މީހުންވަނީ މަރުވެފައެވެ.