ޚަބަރު

ހަތަރު ދުވަހުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު ދެގުނައަށް


އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވެއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 58,097 މީހުންނަށް ކޯވިޑް-19 ޖެހި 534 މީހުން މަރުވެފައިވާކަމަށެވެ. އެއީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ. އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވެފައިވަނީ ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން އެ ޤައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އޮމިކްރޯން ޖެހިގެން އިންޑިޔާގައި ފުރަތަމަ ފަހަރަށްވަނީ މީހަކު މަރުވެފައެވެ.

އިންޑިޔާގެ ޞިއްޙީ ތަޖުރިބާކާރުންވަނީ އެ ޤައުމުގައި ހަލުވިކަމާއެކު ބަލިފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް ގެނެސް ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލާން ތައްޔާރުވުމަށް އިލްތިމާޞްކޮށްފައެވެ. ނަމަވެސް ޞިއްޙީ ތަޖުރިބާކާރުންގެ އިލްތިމާޞްތަކަށް އިޖާބަދިނުމެއް ނެތި އިންޑިޔާގެ ސިޔާސީވެރިންވަނީ އެ ޤައުމުގެ ބައެއް ސުޓޭޓުތަކުގައި ބާއްވައި ޢާއްމު އިންތިޚާބަށް ކެންޕޭނުކުރުމަށް ބޮޑެތި އެއްވުންތައް ބާއްވައިފައެވެ.

އިންޑިޔާގައި އޮމިކްރޯން ޖެހިފައިވާ 2،000އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. ބަލީގެ އެ ވައްތަރު އެންމެ ބޮޑަށް ފެތުރެނީ އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީފަދަ އާބާދީ ބޮޑެތި ރަށްރަށުގައެވެ. އެއާއެކު ދިއްލީގެ ސަރަޙައްދީ ސަރުކާރުންވަނީ ރޭގަނޑުގެ ވަޤުތުތަކުގައި ބޭރަށް ނުކުތުން މަނާކޮށް ހަފުތާ ބަންދާ ދިމާކޮށް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ޞިއްޙީ ތަޖުރިބާކާރުންގެ އިލްތިމާޞްތަކަށް އިޖާބަނުދީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން މިދިޔަ އަހަރުގެ އޭޕުރިލް މަހުގެ ތެރޭގައި އިންޑިޔާއިންވަނީ ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން އެ ދުވަސްވަރު އިންޑިޔާގައި ދުވާލެއްގެ މައްޗަށް 400،000 މީހުންވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދު ގިނަވުމުގެ ސަބަބުން އެ މީހުންގެ ޖަނާޒާތައް ބޭއްވުމަށްވެސްވަނީ އުނދަގޫވެފައެވެ.

އެމެރިކާއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި 35 މިލިޔަން މީހުންނަށް ބަލިޖެހި 482,551 މީހުންވަނީ މަރުވެފައެވެ.