ކަރަބާއޮ ކަޕް ސެމީފައިނަލްގައި ޗެލްސީ ކުޅެ މެޗްގައި އެޓީމްގެ ހުނަރުވެރި ފޯވަޑް ރޮމެލޫ ލުކާކޫ ފެންނާނެކަމަށް އެޓީމްގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ. ޓުޗެލް ބުނީ ލުކާކޫ އޭނާދިން އިންޓަރވިއުގެ ކަންތަކާ ކްލަބްގެ ފަރާތުން މައާފަށް އެދިފައިވާކަމަށެވެ.
ލުކާކޫގެ އިންޓަރވިއުގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗަށް ލުކާކޫ ނަގާފައެއް ނުވެއެވެ. އަދި ހޯމަދުވަހު ޓުޗެލް އާއި ލުކާކޫ އާ ދެމެދު ބައްދަލުކޮށް ހުރިހާ ކަމެއް މިހާރު ހަމައަކަށް އެޅިފައިވާކަމަށްވެސް ޓުކޗެލް ބުންޏެވެ. މިހާރު ލުކާކޫ ވަނީ އަލުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ޓުޗެލް ބުނީ އޭނާ ލުކާކޫ އެންމެފަހު މެޗުން ބާކީ ކުރީ ލުކާކޫ އިންޓަރވިއުގެ ހަގީގީ ބޭނުމަކީ ކޮބައިކަން ދެނެގަތުންކަމަށެވެ. އަދި މިކަމަށް ވަގުތު ދިނުމުން މިއީ އެއްގޮތަކަށްވެސް ޓީމަށް ދެރައެއް ދިނުމުގެ މަގްސަދުގައި އޭނާ ކުރިކަމެއް ނޫންކަން ހާމަވާކަމަށެވެ. ގިނަމީހުން ހީކުރާހާ ސީރިއަސް މައްސަލައެއް ނޫން ކަމަށްވެސް ޓުކެލް ހާމަކުރިއެވެ. ލުކާލޫއަކީ އަދިވެސް ޗެލްސީގެ ކުޅުންތެރިއެއް ކަމަށާއި އޭނާ ލައްވާ ކުޅުވާ ޓީމަށް ސައްތައިން ސައްތަ އޭނާގެ ފަރާތުން ނެރުވުމަށް މަސައްކަތް ކުރާނެކަމަށް ޓުޗެލް ބުންޏެވެ.
މިސީޒަންގައި މިހާތަނަށް ކުޅުނު 18 މެޗްގައި ލުކާކޫ ވަނީ 7 ލަނޑު ޖަހައިފައެވެ. ދާދިފަހުން ލުކާކޫ ވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ދުވަސްކޮޅަކު ހުރެފައެވެ. ނަމަވެސް އަނިޔާއިން އެނބުރި އައިސް މިހާތަނަށް ކުޅުނު ދެމެޗްގައިވެސް ލުކާކޫ ވަނީ ލަނޑު ޖަހާފައެވެ. އެހެންކަމުން އޭނާ މިވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ.