ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގައި ފިޓްކޮށް ހުރެ ކުޅެވޭނެ: ސިޓްސިޕާސް


މިމަހު ފެށުމަށް ހަމަޖެހިފައިވާ އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ސައްތައިން ސައްތަ ފިޓް ކޮށް ހުރެގެން ކުޅެވޭނެކަމަށް އުންމީދު ކުރާކަމަށް ދުނިޔޭގައި ހަތަރުވަނައަށް ރޭންކް ކުރެވިފައިވާ ސްޓެފަނޯސް ސިޓްސިޕާސް ހާމަކޮށްފިއެވެ. ސިޓްސިޕާސް މިކަން ހާމަކޮށްފައިވަނީ އޭޓީޕީ ކަޕްގައި ގްރީސް ތަމްސީލް ކުރުމުގެ ގޮތުން ކުޅުނު ސިންގަލްސް މެޗްގައި ބަލިވުމަށްފަހު ވާހަކަ ދައްކަމުންނެވެ.

ސިޓްސިޕާސް ވަނީ އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން އާއި ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ބަލިވެފައެވެ. އެއީ ހައެއް ހަތެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. މިއީ އުޅަނބޮށީގެ އޮޕަރޭޝަނެއް ކުރުމަށްފަހު ސިޓްސިޕާސް ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގައި އޭނާގެ އަތަށް ވަރަށް ބޮޑު ތަދު ހުރިކަމަށް ވެއެވެ. ނަމަވެސް ފަހުން ޑަބަލްސް މެޗް ކުޅުނު އިރު ހުރި ތަދުވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. ސިޓްސިޕާސް ހާމަކުރިގޮތުގައި އޮޕަރޭޝަނަށްފަހު އެކަމުން މުޅިން ރަނގަޅުވާ ހާ ދުވަސް ވެއްޖެކަމަށާއި ނަމަވެސް މީގެކުރިން މިފަދަ އަނިޔާއެއް ނުވާތީ މުޅިން ވާނެގޮތެެއް ބުނަން ނޭނގޭކަމަށެވެ. އަދި މިހާރުއްސުރެ އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ޑޮކްޓަރުން ބުނާ ގޮތް ހަދައިގެން އުޅެފިއްޔާ އޮސްޓްރޭލިއަން އޯޕަން ފެށެން ވާއިރަށް މުޅިން ފިޓްވާނެކަމަށް ގަބޫލް ކުރެވޭކަމަށެވެ.

މިހާރު ކުރިއަށްދާ އޭޓީޕީ ކަޕްގައި ގްރީސްގެ މައްޗަށް ސީދާ ތިން މެޗުން ކުރި ހޯދާފައިވާ އާޖެންޓީނާ ދެން ބައްދަލުކުރާނީ ޕޯލަންޑައެވެ. ޕޯލަންޑުން ވަނީ ޖޯޖިއާ އާއި ވާދަކޮށް ސިދާ ތިން މެޗުން ކާމިޔާބު ހޯދާފައެވެ. މިއާއެކު ގްރޫޕް ޑީ އިން ސެމީފައިނަލްގެ ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު އާޖެންޓީނާ އާއި ޕޯލަންޑަށް ވެސް މިހާރު އެބައޮތެވެ.