ޚަބަރު

މިންތީގެ ހަމަހަމަކަން، މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަނީ ދަށްވަމުން - އެޗްއާރުސީއެމް


އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހާމަކޮފިއެވެ.

އެކޮމިޝަނުން މިގޮތައް ހާމަކުރައްވާފައިވަނީ ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ކަށަވަރުކުރުމަށް ޤާނޫނުން އެކޮމިޝަނާ ލާޒިމްކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލައި ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ރިޕޯޓް 2021"ގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓުގައިވަނީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަން ފާހަގަކޮށްފައެވެ. އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން އެޗްއާރުސީއެމުން ވަނީ ފާހަގަކުރައްވާފައެވެ. ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަން ފާހަގަކުރައްވައި އެކޮމިޝަނުން ވިދާޅުވީ މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާގޮތަށް ޤާނޫނީ އޮނިގަނޑު ފަރުމާކުރެވިފައި ވީނަމަވެސް އެކަން ތަންފީޒުކުރުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައި ނުވެއެވެ.

ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް %33 ގޮނޑި ޚާއްޞަކޮށް ކޯޓާއެއް ކަނޑައެޅުމަށްފަހު ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި 833 އަންހެން ކެންޑިޑޭޓުން ވާދަކުރިނަމަވެސް މިފަދަ ކޯޓާއެއް ލުމުގެ މަޤްސަދު ޢާންމުންނަށާއި އެކަމުގައި ހިމެނޭ މީހުންނަށް ނޭނގޭކަން ފާގަވިކަމަށާއި، އަންހެނުންނަށް ކުރިމަތިލެވެނީ ހަމައެކަނި ކޯޓާގެ ދަށުން ޚާއްޞަ ކޮށްފައިވާ ގޮނޑިތަކަށްކަމަށް ބައެއް ފަރާތްތަކުން ދެކޭކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. މިއާއެކު އާންމު ގޮނޑިތަކަށް ކުރިމަތިލާފައިވަނީ ހަމައެކަނި %2 އަންހެނުންކަން ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށްރަށުގައި އުޅޭ އަންހެނުން ބާރުވެރިވުމަށް ހުރި ފުރުސަތުތައް މަދުކަން ފާހަގަކުރައްވައި، އެކޮމިޝަނުގެ ރިޕޯޓުގައިވަނީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވީ އިޤްތިޞާދީ ލޮޅުމުގައި، ވަޒީފާ ގެއްލުނު އަންހެނުންގެ ޢަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފިރިހެނުންގެ ތެރެއިން %47 މީހުން ރިޑަންޑަންޓްވީއިރު، އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް %55 މީހުންގެ ވަޒީފާ ގެއްލުނުއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މި ތަފާތު އިތުރަށް ބޮޑުކަން ކޮމިޝަނުން ފާހަގަކުރިއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، ތައުލީމީ ދާއިރާއިން އަސަރުކޮށްފައިވާ ކޮންމެ 10 މީހަކުން 8 މީހަކީ އަންހެނެކަމަށާއި، ޞިއްޙީ ދާއިރާއާއި ގޭތެރޭގެ މަސައްކަތްތަކުގެ އިތުރަށް ފަންނީ ޚިދުމަތްތައް ފަދަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އަސަރުކުރި އަންހެނުންގެ ނިސްބަތް އިތުރުވެފައިވާއިރު، އެނޫން ދާއިރާތަކުގައި އަސަރުކުރި ފިރިހެނުންގެ ނިސްބަތް އިތުރުކަން ކޮމިޝަނުން ފާހަގަކުރިއެވެ.

އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާކުރެވޭ އަދަދު މަދުކަން އެޗްއާރުސީއެމުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ނޮން-ކޮންސެންޝުއަލް ޕޯނޯގްރަފީ، ރެކޯޑެޑް ސެކްޝުއަލް އެސޯލްޓް އަދި ސެކްސްޓޯޝަން ފަދަ ސައިބަރ ކްރައިމްސް މުޖްތަމަޢުގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމް އެކޮމިޝަނުން ވިދާޅުވިއެވެ.

ވަރީގެ ނިސްބަތް މަތިކަމާއި، ޤާނޫނާ އެއްގޮތަށް ވަރި ކުރަން އެދި ހުށަހަޅާފައި ވަނީ ގިނައިން އަންހެނުންކަމަށް ހިއުމަން ރައިޓްސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ވަރީގެ މައްސަލަތަކުގެ ތެރޭގައި ޤާނޫނާ ޚިލާފަށް ކުރާ ވަރި ނުވަތަ ކޯޓުން ބޭރުގައިކުރާ ވަރީގެ ނިސްބަތް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަކަން ކޮމިޝަނުންވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބްތަކުގެ މައްޗަށް ރިއާޔަތްކުރައްވައި ފާހަގަކުރައްވާފައެވެ. އަދި ވަރިވުމަށް ނުވަތަ ވަރިކުރުމަށް ހުށަހަޅައިގެން ސުލްހަވި މައްސަލަތަކުގެ ނިސްބަތް މަދުކަމަށާއި، ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރެޖިސްޓްރީކުރުން ލަސްވާނަމަ އޭގެ ސަބަބުން ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށާއި، އައިޑެންޓިޓީ ކާޑު ހެއްދުމާއި، ޕާސްޕޯޓް ހެއްދުންފަދަ ކަނަކަމަށް އަސަރުކުރާކަންވަނީ ރިޕޯޓުގައި ފާހަގަކުރައްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ވޭތުވެދިޔަ 2021ވަނަ އަހަރު އަންހެނުންގެ ޙައްޤުތަކާ، ގުޅޭ 16 މައްސަލައެއް އެކޮމިޝަނަށްވަނީ ހުށަހަޅާފައެވެ.