ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހެކި ރައްކާތެރިކުރުމުގެ ޢަމުރެއް ނެރެފި


ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހިމެނޭ ހެކި ރައްކާތެރި ކުރުމުގެ އަމުރު ކްރިމިނަލްކޯޓުން ނެރެފިއެވެ.

ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮށްޓަކަށްލައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލި މައްސަލައިގާ ދަޢުވާލިބޭ ދެ މީހުންގެ ޝަރީއަތްވެސް ވަނީ ފަށާފައެވެ. މިމައްސަލާގައި މިއަދު އޮތީ ހެކި ރައްކާތެރި ކުރުމުގެ އަމުރާމެދު ގޮތެއް ނިންމުމާއި، ބަންދު މުރާއަޖާކުރުމުވެ.

ޕީޖީ އޮފީހުން ވިދާޅުވީ ނ.ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނާއި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް ދަޢުވާ އުފުލި މިމައްސަލައިގެ މިއަދުގެ ޝަރީޢަތުގައި ފަނޑިޔާރުވަނީ ދަޢުލަތުން އެދުނުގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރުވަނީ ނެރެދެއްވާފައެވެ.

އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން އިބްރާހީމް ޒިހާން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ ޢަމުރު ކްރިމިނަލް ކޯޓުން މިއަދުވެސްވަނީ އެގޮތުގައި ދަމަހައްޓާފައެވެ. މިމައްސަލާގައި ދެން ހިމެނޭ 17 އަހަރުގެ ކުއްޖާގެ ޝަރީއަތް ޖުވެނައިލްކޯޓުގައި ކުރިއަށްދާއިރު، އޭނާގެ ބަންދުގެ މުއްދަތުވެވެސް މީގެކުރިންވަނީ އިތުރުކޮށްފައެވެ. އަދި ކޯޓުންވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ކުރިންކުރި އަމަރު ދަމަހައްޓާފައެވެ.

ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ޒިހާންގެ މައްޗަށްކުރާ 13 ދަޢުވާއެއް މީގެކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އިއްވުމުން، އޭނާވަނީ އެ ދަޢުވާތައް ސާފުވާކަމަށް ބުނެފައެވެ.

މިމައްސަލާގައި ދަޢުވާކޮށްފައިވާ ޒިހާންގެ މައްޗަށް 7 ބާވާތެއްގެ 13 ދައުވާއެއް އުފުލާފައިވާއިރު، އޭގެތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އޭނާއަށް އައުން އެކަށީގެންވާކަމަށް ޕީޖީން ވިދާޅުވިއެވެ.

ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ މަރާލާފައި، ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫންމަހުގެ 22ވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ.