ޚަބަރު

އެންމެ ފަހުން ސޫދާނުގެ ބޮޑުވަޒީރު އިސްތިޢުފާދެއްވައިފި


ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް އިސްތިޢުފާދެއްވަން ނިންމަވައިފިއެވެ.

ސޫދާނުގެ ބޮޑުވަޒީރުގެ މަޤާމުން ޙަމުދޫކް އިސްތިޢުފާދެއްވާފައިވަނީ ފާއިތުވި 6 ހަފުތާގެ ތެރޭގައި އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކުރިމަތިވެވަޑައިގަތް ފިއްތުންތަކުގެ ސަބަބުންނެވެ. އިސްތިޢުފާދެއްވުމަށްފަހު ޓީވީ މެދުވެރިކޮށް ޙަމުދޫކް ވިދާޅުވެފައިވަނީ ބޮޑުވަޒީރުގެ މަޤާމުން އޭނާ ވަކިވެވަޑައިގަތީ އެ ޤައުމުގައި ދިމީޤްރާޠީ ވެރިކަމެއް ޤާއިމުކުރެއްވުމަށް އެހެން ބޭފުޅަކަށް ފުރުޞަތުދެއްވުމަށްކަމަށެވެ. ނަމަވެސް އޭނާގެ އިސްތިޢުފާއާއެކު ސޫދާނުގެ ސިޔާސީ މަޞްރަޙުވަނީ ބޮޑު ނޭނގުމެއްގެ ތެރެއަށް ވެއްޓިފައެވެ.

އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް އެ ޤައުމުގެ ސަރުކާރު އުވާލައި ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޙަމުދޫކާއި ސަރުކާރުގެ އިސްވެރިން ބަންދުކުރިއެވެ. އަދި ސޫދާނުގެ އަސްކަރިއްޔާއިން އެކުލަވާލި ވެރިކަންކުރާ ކައުންސިލުގެ އެންމެ އިސްވެރިޔާގެ ހުވައި އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އަލްބުރުހާނު ކުރެއްވިއެވެ. ނަމަވެސް ސުދާނުގެ އަސްކަރިއްޔާގެ ނިންމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކޮށްފައެއް ނުވެއެވެ. ސޫދާނުގެ ކުރިމަގާ ގުޅޭގޮތުން ހަމުދޫކާއި ބުރުހާނާ ދެމެދު ކުރެއްވި މަޝްވަރާތަކަށްފަހު ނިންމެވީ ބޮޑުވަޒީރުގެ މަޤާމު އަނެއްކާވެސް ޙަމުދޫކާ ޙަވާލުކުރައްވައި ވެރިކަންކުރާ ކައުންސިލެއް އެކުލަވާލެއްވުމަށެވެ. އެއާއެކު ސޫދާނުގެ ބޮޑުވަޒީރުގެ މަޤާމާ އަލުން ޙަމުދޫކް ޙަވާލުވެވަޑައިގަތެވެ.

ސޫދާނުގެ ބޮޑުވަޒީރުގެ މަޤާމާ އަލުން ޙަމުދޫކް ޙަވާލުވެވަޑައިގަތް ނަމަވެސް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސޫދާނުގެ މުޒާހަރާތައް އިތުރަށް ވަރުގަދަވެ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ކައިރިއަށް އެތައް ހާސް ބަޔަކު ޖަމާވިއެވެ. އަދި ޤާނޫނީ ވެރިކަމަށް އަސްކަރިއްޔާއިން ބާރުފޯރުވުން ހުއްޓާލައި ބޮޑުވަޒީރުގެ މަޤާމުން ޙަމުދޫކު އިސްތިޢުފާދެއްވުމަށް ޢާއްމުންވަނީ ގޮވާލައިފައެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރެއްވި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ.