ޚަބަރު

އިންޑިޔާގެ ކުޑަކުދިންނަށް ވެކްސިން ޖަހަން ފަށައިފި


ޢުމުރުން 15 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް ކޯވިޑް-19ގެ ވެކްސިން ޖަހަން އިންޑިޔާއިން ފަށައިފިއެވެ. އިންޑިޔާގައި ކުޑަކުދިންނަށް ވެކްސިން ޖަހަން ފަށާފައިވަނީ އެ ޤައުމުގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 33,750 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން 1،700 މީހުންނަށް ޖެހިފައިވަނީ އޮމިކްރޯނެވެ. އޭގެ އިތުރުން ބަލިމަޑުކަމުގައި އިތުރު 123 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގައި ކުޑަކުދިންނަށް ދޭން ނިންމާފައިވަނީ އެ ޤައުމުގައި އުފައްދާފައިވާ ކޮވެކްސިންނެވެ. އަދި ބޮޑެތި މީހުންނަށް ދެމުންދަނީ ކޮވެކްސިންގެ އިތުރުން ކޮވިޝިލްޑާއި ސުޕަޓުނިކެވެ.

ފާއިތުވި ހަފުތާތަކުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ދެކުނު ކޮރެޔާފަދަ ޤައުމުތަކުގައި ކުޑަކުދިންނަށް ކޯވިޑް-19 ޖެހެމުންދާ ނިޞްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދުނިޔޭގައި އެންމެ ގިނަ ކުޑަކުދިން ދިރިއުޅެނީ އިންޑިޔާގައެވެ. 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި 18 އަހަރުނުފުރޭ 253 މިލިޔަން ކުޑަކުދިން ދިރިއުޅެއެވެ.