ޚަބަރު

ޓޫރިޒަމް މާސްޓަރ ޕްލޭން، 3 މަސްތެރޭ ނިންމަނީ


5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ލަސްވެގެން ދިޔައީ ކޯވިޑާއި ގުޅިގެންކަމަށެވެ.

މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ދާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، މިދިޔަ އަހަރު މެދުތެރޭ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަމުށް އިއުލާންކޮށް މިހާރު އެކަމަށް ބޭނުންވާ ބަޔަކު ހޯދާފައިވާކަމަށެވެ. އަދި މާސްޓަރ ޕްލޭންގެ މަސައްކަތް މިހާރު ފެށިގެން ކުރަމުން އަންނަކަމަށާއި އަމާޒަކީ ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށްވެސް ރައްޒާން ވިދާޅުވިއެވެ.

"އޭޑީބީގެ ވަރަށް ބޮޑު އެހީތެރިކަމަކާއިއެކީ ލީޑް ކޮންސަލްޓަންޓަކާއި އަދި ލީޑް ކޮންސަލްޓަންޓްގެ ދަށުން ވަކިވަކި ދާއިރާތަކަށް ޙާއްސަ އެ ދާއިރާތަކުގެ ސްޕެސިފިކް ކޮންސަލްޓަންޓުންތަކާއި އެކީގައި ވަރަށް ބޮޑު ޓީކަމުން 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ކުރަމުން އެދަނީ. މިހާރު ކިކްއޮފް ކުރެވި ވަރަށް ހަލުވިކަމާއިއެކު އިންޑިވިޖުއަލް މިހުރި ކޮންޕޯނަންޓްތަކުގެ މަސައްކަތްތައް އެބަ ކުރެވެމުންދޭ. ދެން އަޅުގަނޑުމެން އަމާޒުހިފައިގެން މިތިބީ 3 މަހެއްހައި ދުވަސްތެރޭގައި ނިންމާ މާސްޓަރ ޕްލޭން ޕަބްލިޝް ކުރުމާއި ހަމައަށް އާދެވޭތޯ." ރައްޒާން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިފަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކޮވިޑުން އަރައިގަތުމަށްކަމަށެވެ. މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން ވަނީ ނަގާފައެވެ. އެއީ 9 ކޮންސަލްޓަންޓުންނާއި 1 ލީޑް ކޮންސަލްޓަންޓެކެވެ. ލީޑް ކޮންސަލްޓަންޓުގެ ގޮތުގައި ނަގާފައިވަނީ ބޭރުގެ ފަރާތެކެވެ. ނަމަވެސް ބާކީތިބި 9 ކޮންސަލްޓަންޓްގެ މަޤާމަށް ނަގާފައިވަނީ ދިވެހިންނެވެ.

ކޮންސަލްޓަންޓުން ނަގާފައިވާ ދާއިރާތަކަކީ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އިކޮނޮމިކް ޕްލޭނިންގ، ސޯސަލް ކަލްޗަރަލް، މާކެޓިންގ އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް، ޕޮލިސީ، ހިއުމަން ރިސޯސް، އެންވަޔަރަމަންޓް، ލީގަލް، މެރިން، އަދި ސެކިއުރިޓީ ދާއިރާއެވެ.