ޚަބަރު

ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދަނީ


ރ. އަތޮޅުގައި ހިންގާ ރިސޯޓެއްކަމަށްވާ މާމުނަގަލުގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާތީ، އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރ. މާމުނަގައު ރިސޯޓްގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމް ކަނޑައިގެން ގޮސް އެ ރިސޯޓްގެ ހުޅަނގުދެކުނަށް އޮޔާދާކަމަށެވެ. މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކާއި ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ އުޅަނދު ފަހަރުތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާޞްކުރައްވާފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ރޭ 19:15 ހާއިރުކަމަށާއި، އެ ޕްލެޓްފޯމަކީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއްކަމަށް ކޯސްޓްގާޑުން ވިދާޅުވެއެވެ. އަދި މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.