ޚަބަރު

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް ފަށައިފި


ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލައިގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)މެދުވެރިކޮށް، ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަންގަވައި، ރައީސް ޔާމީން އެފައިސާ ލޯންޑަރ ކުރައްވާފައިވާކަމަށް ދަޢުލަތުންވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލަ ފެށުމުގެ ގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށް ރައީސް ޔާމީން އެމަނިކުފާނުގެ ވަކީލުންގެ ޓީމާއެކު ކޯޓަށް ވަޑައިގަތްއިރު، މި މައްސަލައިގައި ދެން ދަޢުވާ ރައްދުވާ ޔޫސުފް ނައީމަށް 10 ދުވަހުގެ މުހުލަތެއްވަނީ ދީފައެވެ. އެއަށްފަހު މައްސަަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ، އަހްމަދު ޝަކީލް ވަނީ އިބްތިދާއީ އަޑުއެހުންތައް ބާއްވާނެ ދުވަސްތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން، މިމަހުގެ 13ވަނަ ދުވަހުގެ 09:30ގައި ދައުވާ ރައްދުވާ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމާއި، ދަޢުލަތުން އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހުށަހެޅުން އޮންނާނެކަމަށާއި، އަދި މިމަހުގެ 27ވަނަ ދުވަހުގެ ހެނދުނު 09:30ގައި ދައުވާތަކަށް ޖަވާބުދާރީވާން ފުރުޞަތުދޭން ޤާޟީވަނީ ނިންމާފައެވެ.

ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު، ގއ. ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނު 5 އަހަރަށް ޖަލަށްލުމަށް ކުރި ޙުކުމް ސުޕްރީމްކޯޓުންވަނީ ބާތިލުކޮށްފައެވެ.

އެހެން ނަމަވެސް އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.