ޚަބަރު

މިދިޔަ އަހަރު ފަލަސްޠީނުގެ 8،000 ރައްޔިތުން ޔަހޫދީންގެ ބަންދަށް


މިދިޔަ އަހަރުގެ ތެރޭގައި ފަލަސްޠީނުގެ 8،000 ރައްޔިތުން އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ހައްޔަރުކުރިކަމަށް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ބުނެފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ނެރެފައިވާ ގުޅިފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިސްރާއީލުން ހައްޔަރުކުރި 8،000 މީހުންގެ ތެރޭގައި 1،300 ކުޑަކުދިންނާއި 184 އަންހެނުން ހިމެނޭކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ތަފާތު ތުޙްމަތުތަކުގައި ޔަހޫދީންގެ ޖަލަުތަކުގައި 4،600 މީހުން އެބަތިބިކަމަށާއި އޭގެ ތެރޭގައި 160 ކުޑަކުދިން ހިމެނޭކަމަށެވެ. އަދި ޔަހޫދީންގެ ޖަލުތަކުގައި 18 އަހަރު ނުފުރޭ 34 އަންހެން ކުދިންނާއި ފަލަސްޠީނުގެ ޤާނޫނުހަދާ މަޖިލީހުގެ 9 މެންބަރުން ހިމެނޭކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ތަފާތު ހަތަރު ޖަމުޢިއްޔާއަކުން އެއްކުރި މަޢުލޫމާތުތަކަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޔަހޫދީންގެ ޖަލުތަކުގައި ޙާލުދެރަވެފައިވާ ފަލަސްޠީނުގެ ޤައިދީންގެ ޢަދަދު 600އަށްވުރެ އިތުރުވެފައިވާކަމަށާއި އޭގެ ތެރެއިން 4 މީހުންނަށް ކެންސަރު ޖެހި އަދި 14 މީހުންނަށް ޓިއުމަރު ޖެހިފައިވާކަމަށެވެ. ޔަހޫދީންގެ ޖަލުތަކުގައި ތިބި އެތައް ހާސް މީހުންގެ ތެރެއިން އެންމެ މުސްކުޅި މީހަކީ ޢުމުރުން 81 އަހަރުގެ ފުއާދު ޝުބާކީއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ 227 ޤައިދީން މަރުވިއެވެ. އޭގެ ތެރެއިން 8 މީހެއްގެ ހަށިގަނޑު ޢާއިލާއާ ޙަވާލުކޮށްފައެއް ނުވެއެވެ. އަދި ޖަލުތަކުގައި ކުރި އަނިޔާގެ ސަބަބުން ޖަލުން މިނިވަންވިފަހުންވެސް ގިނަ ޢަދަދެއްގެ ބަޔަކު މަރުވިއެވެ. އޭގެ އިތުރުން ޢުމުރު ދުވަހުގެ ޖަލު ޙުކުމު ތަންފީޒުކުރަމުންދާ 547 ޤައިދީން ޔަހޫދީންގެ ޖަލުތަކުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ރެކޯޑު ޢަދަދެއްކަމަށްވާ 42 އަހަރު ޖަލުގައި ހޭދަކޮށްފައިވާ މީހެއްކަމަށްވާ ނާއިލް އަލްބަރުޤޫޠީވެސް ހިމެނެއެވެ.