އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ ފަހަތުން އަރައި، 2 ލަނޑު އެއްލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސިޓީއިން އުފެއްދި ނަމަވެސް މިމެޗްގައި އާސެނަލްއިންވެސް ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި މެޗުގެ ކުރީކޮޅު އާސެނަލްއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާ ސިޓީ ހާސްކޮށްލާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މިގޮތަށް އާސެނަލްއިން އުފެއްދި ހަމަލާއެއްގައި ކާމިޔާބުކުރީ 31 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަރަމުން އަންނަ ޒުވާން ތަރި ބުކާޔޯ ސާކާއެވެ. މިހާފްގައި އާސެނަލްއަށް ޕެނަލްޓީއެއް ލިބެންޖޭހެނެކަމަށްވެސް އެކްލަބުން ޤަބޫލް ކުރެއެވެ. ނަމަވެސް ރެފްރީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް އެންމެ ފުރަތަމަ ނިންމާފައިވުމާއި ވީއޭއާރުން ބެލިބެލުމަށްފަހު ރެފްރީގެ ނިންމުން ބަދަލު ކުރާވަރަށް އެއީ ޕެނަލްޓީއެއްކަން ޔަގީން ނުވުމުން އެޕެނަލްޓީ ދީފައެއް ނުވެއެވެ. މިމެޗްގައި ސިޓީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިފަހަރު ވެސް ރެފްރީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމި ނަމަވެސް ފަހުން ވީއާރުން ބަލާފައި ރެފްރީ ދެވަނަ ފަހަރަށް މޮނީޓަރުން ބެލުމަށްފަހު ސިޓީއަށް ޕެނަލްޓީ ދިނީއެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދިނީ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ދިއުމުގެ ކުރިން ސިޓީއަށް ފަހު މެޗް ކުޅެމުންދިޔަ ރިޔާދު މަހްރެއިޒެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓްފަހުން އާސެނަލްގެ ޑިފެންޑަރ ގެބްރިއަލްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ.
މިއާއެކު މެޗްގެ ބާކީ އޮތް ތިރީހަކަށް މިނެޓް އާސެނަލް ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އާސެނަލްއިން ހިތްވަރު އެލުވާނުލައި ޑިފެންސް ކޮށް ލިބުނު ފުރުސަތު ތަކުގައި ހަމަލާ ދެމުން ދިޔައިރު ސިޓީއަށް އާސެނަލްގެ ޑިފެންސް ފުއަޅުވާލަން ދަތިތަކާ ކުރިމަތިވިއެވެ. އަދި މިއާއެކު މިމެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެފައިވަނިކޮށް މިމެޗުން ސިޓީ މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ޖަހައިދިނީ އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުޅު ދެމެޗްގައި ކުޅެފައިނުވާ ރޮޑްރީއެވެ.
މިކާމިޔާބީއާއެކު ސިޓީ މިހާރު މިވަނީ ލީގުގައި އެޓީމް އެންމެފަހުން ކުޅުނު 11 މެޗްވެސް ކާމިޔާބުކޮށްފައެވެ. އަދި މިހާރު ތާވަލްގެ ދެވަނައިގައިއުޅޭ ޗެލްސީ އާއި ދެމެދު 11 ޕޮއިންޓްގެ ފަރަގެއްވެސް މިވަނީ ގެނެސްފައެވެ. އަދި މާދަމާ ރޭ ޗެލްސީ އާއި ތިންވަނައިގައި އުޅޭ ލިވަޕޫލް ބައްދަލުކުރާނީ މިދެޓީމުގެ ތެރެއިން ކޮންމެވެސް އެޓީމެއްގެ ޕޮއިންޓް ގެއްލި ނުވަތަ އެއްވަރު ވެއްޖެނަމަ ދެޓީމަށްވެސް ދެޕޮއިންޓް ގެއްލިގެންދިއުމުގެ ފުރުސަތު އެބައޮތެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ މިމެޗްގައި މޮޅަށް ކުޅުނީ އާސެނަލް ކަމަށް ބުނެފައެވެ. އަދި މިމެޗަގެ މިސްރާބު ބަދަލުވެގެން ދިޔައީ ސިޓީއަށް ލިބިގެންދިޔަ ޕެނަލްޓީ އާއި ރަތްކާޑުގެ ސަބަބުންކަމަށް ގާޑިއޯލާ ބުންޏެވެ. އަދި ބައެއް ފަހަރު ރަނގަޅަށް ނުކުޅެވުނު ނަމަވެސް މޮޅުވުމަކީ ފުޓްބޯޅައިގާ ވާގޮތް ކަމަށާއި މިމެޗުގައި އޭނާގެ ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުނީ ވަރަށް ގާތްގާތުގައި ވަރގަދަ ދެމެޗް ކުޅެން ޖެހުމާއި ދަތުރު ފަތުރުގެ ސަބަބުން ވަރުބަލިވެފައިވުމުން ކަމަށެވެ. މިގޮތުން މީގެ ދެދުވަސް ކުރިން ބްރެންޓްފޯޑް އާއި ރަށުން ބޭރުގައި ވާދަ ކުރުމަށްފަހު އަނެއްކާވެސް ރަށުން ބޭރުގައި މެންދުރުގެ ވަގުތު ކުޅެން ޖެހުމުން އޭގެ އަސަރު ކުޅުންތެރިންގެ ކިބައިން ފެނިގެންދިޔައީ ކަމަށެވެ. މިމެޗުން ބަލިވި ނަމަވެސް އާސެނަލް އަދިއުޅެނީ 35 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.