ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ގޯސްނުވައި މިންވަރަށް ޗައިނާގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެއްޖެއެވެ.
މީގެ ދެ އަހަރު ދުވަސްކުރިން ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ޗައިނާގައި ބަލިފެތުރުން ހުއްޓުވުމަށްވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް ޗައިނާއިން އައު އަހަރު ފަށާފައިވަނީ ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލަމުންނެވެ.
ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 175 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެއާއެކު އެ ޤައުމުގައި ހަފުތާއެއްގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 1,151އަށް އަރައިފައެވެ. އެއީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ޗައިނާގައި ބަލިޖެހުނު މީހުންގެ ޢަދަދު އެ މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.
ޗައިނާގައި އެންމެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ޝާންޝީ ޕުރޮވިންސްގެ ވެރިރަށް ޝިއަންގައެވެ. އެ ރަށުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކޮށްފައި އޮންނަތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި ޝިއަނުން ދަތުރުކުރުމާއި އެ ރަށަށް އެތެރެވުންވަނީ މަނާކޮށް އެ ރަށުގައި ދިރިއުޅޭ މީހުން ބައްޔަށް ތަޙްލީލުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އަދި އެ ރަށުގައި ދިރިއުޅޭ މީހުން ބައްޔަށް ތަޙްލީލުކޮށް ނިމެންދެން ބާޒާރުކުރުންފަދަ ކަންކަމުގައި ގެއިން ބޭރަށް ނުކުތުންވެސްވަނީ މަނާކޮށްފައެވެ.