ހަވާ އެރުވުމާއެކު ބޭއްވި އާ އަހަރުގެ ޝޯވ "މަރުޙަބާވީސް"އާއެކު 2022ވަނަ އަހަރަށް ދިވެހިން މަރުޙަބާ ކިޔައިފިއެވެ.
އާ އަހަރަށް މަރުހަބާ ކިޔުމަށް ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ޝޯވގައި ދިވެހި ފަންނާނުންނާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީގެ ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންދިޔައެވެ. މި ޝޯވ ބަލާލުމަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވިއެވެ. އަދި ޝޯވ ކުރިއަށްދިޔަ ވަގުތު ޢާއްމުންގެ ފަރާތުންވެސް ފޯރިއާ ޖޯޝް ފެނިގެންދިޔައެވެ.
އައު އަހަރު ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންއައި ޝޯވތައް ކޯވިޑާ ގުޅިގެން މިދިޔަ އަހަރު ނުބޭއްވުނު ނަމަވެސް، މިފަހަރުގެ ޝޯވގެ ތެރެއިން ހަވާއެރުވުމާއެކު ބޭއްވި މިޝޯވ ބަލާލުމަށް ގިނަ ބަޔަކު ދިޔައެވެ.
ދިވެހިންގެ މެދުގައިވެސް މަގުބޫލު ބޮލީވުޑްގެ ގިނަ ލަވަތައް އަންކިތު ތިވާރީ މި ޝޯވގައި ހުށައަޅައިދިނެވެ. މީގެ އިތުރުން ޝަލަބީ އިބްރާހީމާއި، ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށައެޅުންތަކަށްވެސް އާންމުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. މިއާއެކު 2022އާއި ދިވެހިން މި ކުރިމަތިލީ ހިނިތުންވުމާއި އުފަލާއެކުއެވެ.
2022ވަނަ އަހަރަށް ދިވެހިން މަރުޙަބާކީ، ކައުންޓްޑައުންއަކާއެކު ކުރިއަށްދިޔަ ހަވާއެރުވުމުގެ މަންޒަރުތައް ރައްޓެހިންނާއި އާއިލާ މެމްބަރުންނާއެކު ފޮޓޯނަގައި ވީޑިއޯ ކުރަމުންނެވެ. މި ޝޯވގައި އެންމެ ޚާއްސަ ވެގެންދިޔައީ ޝޯވ ކުރިއަށްގެންދިޔައީ އައު އަހަރާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލްގެ ހަރަކާތްތަކުގެ ފެށުމާވެސް އެކުގައިކަމަށްވާތީއެވެ.
ޝޯވް ބާއްވާފައިވަނީ ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމާއެކުއެވެ. އައު އަހަރު ފާހަގަކުރުމަށް މިފަހަރުވެސް ރާއްޖޭގެ ގިނަ ރިސޯޓުގައި ހަވާއެރުވުމާއި، މިއުޒިކްޝޯ ފަދަ ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ރަށްރަށުގައިވެސް އައު އަހަރު ފާހަގަކުރަން ތަފާތު ހަރަކާތްތައްވަނީ އިންޒތިޒާމްކޮށްފައެވެ.