ޚަބަރު

ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް ސްކޮލަރޝިޕް ސްކީމެއް


ދިވެހިރާއްޖޭގައި ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލަރޝިޕް ސްކީމެއް ހުޅުވާލައިފިއެވެ.

މި ކޯހުގައި ޖުމްލަ 2 ދާއިރާއަކުން މީހުން ތަމްރީން ކުރެވޭނެއެވެ. އެއީ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އާއި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީ.އައި.އެމް.އޭ)އެވެ. އެގޮތުން މި ދެދާއިރާއިން މީހުން ބިނާކުރުމަށް 150 ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މިސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް އެ މިނިސްޓްރީން ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަޖިސްޓްރީ ކުރުމުގެ ފީ، އެނުއަލް ސަބްސްކްރިޕްޝަން ފީ، އެގްޒާމް ފީ، ބުކް އެލަވަންސް އަދި އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ ވެސް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީއާއި ނުލާ ދެން ހުރި ހުރިހާ ޚަރަދުތަކެއްވެސް ލިބޭނެއެވެ. މިސްކޮލަރޝިޕްގެ 50 ފުރުސަތު ޚާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރއަށް ކަމަށާއި ބާކީ 100 ފުރުސަތު ހުޅުވާލެވިފައި ވަނީ ޕްރައިވެޓް ސެކްޓަރއަށް ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

" މި ފުރުސަތުތަކަށް ކުރިމަތިލުމުގައި އަޅުގަނޑުމެން މި އިސްކަންދެނީ ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރާތީ، ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން މި ސްކީމް އަޅުގަނޑުމެން މި ހުޅަވާލަނީ. މީގެ ތެރޭގައި އޭސީސީއޭ ސްކިލްސް ލެވަލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވަލް، މެނޭޖްމަންޓް ލެވަލް އަދި ސެޓްފިކެޓް ލެވަލްއަށް ކުރިމަތިލައިގެން ޗަރޓަރޑް އެކައުންޓެންޓުންނަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެ." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސްކޮލަރޝިޕް ތަކުގެ ސަބަބުން މި ދާއިރާއަށް މީހުން ބިނާކުރުމުގެ ރޮނގުން ހުރި ގޮންޖެހުންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލެއްގެ ގޮތުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލްއަށް ވަނުމުގެ ޝަރުތު ފުރިހަމަވުމާއި، މެނޭޖްމަންޓް ނުވަތަ ސްޓްރެޓެޖިކް ލެވެލްއަށް ވަނުމުގެ ޝަރުތު ފުރިހަމަވުން ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ހޮވޭ ފަރާތްތަކުން، ހޮވޭ ތާރީޚުން ފެށިގެން 3 މަސް ދުވަސް ތެރޭގައި ކިޔެވުން ފަށަންޖެހޭނެ ކަމަށާއި ނުފަށައިފިނަމަ ސްކޮލަރޝިޕް ކެންސަލްވާނެ ކަމަށް އެ މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ، ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލިކަމަށް ބެލެވޭނެއެވެ. އަދި މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުން ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް އެންމެ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތެއް ވަނީ ހުޅުވާލާފައެވެ. ހަމައެއާއެކު ސްޓޫޑެންޓް ލޯން ސްކީމަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ފަރާތެއްނަމަ މިސްކޮލަރޝިޕްގެ ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

ކޯސް ފުރިހަމަނުކުރާ ފަރާތްތަކުން، ކޯހަށް ކޮށްފައިވާ ޚަރަދު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓްރީއަށް އަނބުރާ ދައްކަންޖެހޭނެއެވެ. އަދި ކޯހަށް ނޮމިނޭޓްވެއްޖެކަން އެ މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.