ޚަބަރު

ދިވެހި އުފެއްދުންތެރިންނަށް އަމާޒުކޮށް ޕޯސްޓުން އޮންލައިން ފިހާރައެއް


ލޯކަލް އުފެއްދުންތެރިންނަށް އަމާޒުކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ނަމުގައި ފިހާރައެއް ހުޅުވައިފިއެވެ. މިއޮންލައިން ފިހާރަ ހުޅުވައިދެއްވީ އެކަމަށްޓަކައި ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

ކޮމިއުނިޓީ އޮންލައިން ޝޮޕަކީ، ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް، އެއުފެއްދުންތެރިންގެ އުފެއްދުންތައް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓުގެ އީޓުކުރި ޕްލެޓްފޯރމްގައި ގާއިމް ކޮށްފައިވާ ވާރޗުއަލް ފިހާރައެކެވެ. އީޓުކުރި ޕްލެޓް ފޯމްގައި މިފަދަ އޮންލައިން ފިހާރައެއް ގާއިމްކުރުމުގެ މަގްސަދަކީ، ރަށްރަށުގައި ތިބި ތަފާތު އުފެއްދުންތެރިންނަށް އީޓުކުރި ޕްލެޓްފޯމުގެ ތެރެއިން އޮންލައިން ބާޒާރެއް ހޯދައިދިނުމާއި، އަދި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތައް، މާކެޓްކޮށް އިޝްތިހާރުކޮށްދިނުމާއި، ޕޯސްޓުގެ ނޭޝަންއިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން އެފަދަ އުފެއްދުންތައް ރާއްޖޭގެ ކަންކޮޅުތަކަށް ޓްރާންސްޕޯޓްކޮށް ޑެލިވަރކޮށްދިނުމެވެ. މި ތަޢާރަފްކުރެވުނު ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ޚިދުމަތް ހުރިހާ އަތޮޅު ޕޯސްޓް އޮފީސްތަކެއްގައި އެއްފަހަރާވަނީ ފެށިފައެވެ. އަދި އެހެނިހެން ރަށްތަކަށް މި ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ޕޯސްޓް ލިމިޓެޑުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ޕޯސްޓުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި މިފަދަ އުފެއްދުންތެރިން، މި އޮންލައިން ބާޒާރުގެ ތެރެއަށް ވަނުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން އުފެއްދުންތެރިންގެ އުފެއްދުންތައް ހިމެނޭ ކިއޮސްތަކެއްގެ މައްޗަށް އެކުލެވޭ، އަދި މުޅިން ހިލޭ ބައިވެރިވެވޭ މިއޮންލައިން ޝޮޕަކީ އީޓުކުރި ޕްލެޓްފޯމްގެ ތެރޭގައި ގާއިމްކުރެވޭ، ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންގެ އޮންލައިން ކޮމިއުނިޓީ ޝޮޕް ކަމަށް މޯލްޑިވްސް ޕޯސްޓު މަޢުލޫމާތު ދެއެވެ.

މިފަދަ ޚިދުމަތެއް ތަޢާރަފްކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ ކޯވިޑްގެ ސަބަބުން ގައުމުގެ އިޤްތިޞާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އުފެއްދުންތެރިން ކުރާ މަސައްކަތަށް ޕޯސްޓުން އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ދުރު މުސްތަގްބަލަށް އަމާޒުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ކޯޕަރޭޓިވްސް އަދި އެނޫންވެސް އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތަކަށް އޮންލައިން ބާޒާރެއް ހޯދައިދިނުމާއި، މި ބާޒާރުގައި ހަރަކާތްތެރިވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް މޯލްޑިވްސް ޕޯސްޓު ހާމަކުރެއެވެ. މީގެއިތުރުން، މިއީ އީ.ސޮލިއުޝަންސްގެ އެހީގައި، ޕޯސްޓުގެ ޑޮމެސްޓިކް އޮޕަރޭޝަންސް އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅިގެންދާ މުހިންމު ބިންގަލަކަށް ވެގެންދާނެކަމަށްވެސް މޯލްޑިވްސް ޕޯސްޓުން ދެކެއެވެ.