ޚަބަރު

އޮމިކްރޯނާ ދެކޮޅަށް ދެކުނު އެފްރިކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ދެކުނު އެފްރިކާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

ދެކުނު އެފްރިކާގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގައި އޮމިކްރޯނުގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށް ނުބެލެވޭކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ތަންފީޒުކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. އެ ގޮތުން ދެކުނު އެފްރިކާގައި މެންދަމު ބާރާއިން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނުކުތުމުގެ ޙުއްދަދިނުމުގެ އިތުރުން ޢާއްމު އެއްވުންތައް ބޭއްވުމުގެ ޙުއްދަވެސްވަނީ ދީފައެވެ. ނަމަވެސް ޢާއްމު އެއްވުންތަކުގައި ބައިވެރިވެވޭ މީހުންގެ ޢަދަދުތަކެއް އެ ޤައުމުގެ ސަރުކާރުންވަނީ ކަނޑައަޅައިފައެވެ. އަދި ބައެއް ފިހާރަތައް 24 ގަޑިއިރަށް ޚިދުމަތް ދިނުމުގެ ޙުއްދަވެސް އެ ޤައުމުގެ ސަރުކާރުންވަނީ ދީފައެވެ.

ދެކުނު އެފްރިކާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އޮމިކްރޯނުގެ އެންމެ ނުރައްކާތެރި ޙާލަތުން އަރައިގަނެވިއްޖެކަމަށެވެ. އެ ގޮތުން އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ %30އަށް ދަށްވެފައިވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދެކުނު އެފްރިކާއަށެވެ. އެ ގޮތުން އެ ޤައުމުގައި 3.5 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 91,000 މީހުންވަނީ މަރުވެފައެވެ. އޭގެ އިތުރުން އޮމިކްރޯން އެންމެ ފުރަތަމަ ފެނިފައިވަނީވެސް ދެކުނު އެފްރިކާއިންނެވެ.