ޚަބަރު

އެމެރިކާއިން 2 ބިލިޔަން ޑޮލަރުގެ ހަތިޔާރު ޔަހޫދީން ގަންނަނީ


އެމެރިކާގައި އުފައްދާފައިވާ އެންމެ ޒާމާނީ ހަތިޔާރު ގަތުމުގެ އެއްބަސްވުމެއްގައި އިސްރާއީލުން ސޮއިކޮށްފިއެވެ.

އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެމެރިކާގައި އުފައްދާފައިވާ ސީއެޗު ފައިވްތުރީ ކޭ މަރުކައިގެ ހަނގުރާމަމަތީ 12 ހެލިކޮޕުޓަރާއި ވައިގެ ތެރޭގައި މަތިންދާބޯޓުތަކަށް ތެޔޮއަޅަން ބޭނުންކުރާ ކޭސީ ފޯސިކްސް މަރުކައިގެ 2 އަސްކަރީ މަތިންދާބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އެ ގޮތުން އެ އުޅަނދުތަކުގެ އަގު 2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ. އަދި ކޭސީ ފޯސިކްސް މަރުކައިގެ މަތިންދާބޯޓުތައް އެ ޤައުމަށް ލިބޭނީ 2025ވަނަ އަހަރުގެ ތެރޭގައިކަމަށާއި ސީއެޗު ފައިވްތުރީ ކޭ މަރުކައިގެ ހެލިކޮޕުޓަރުތައް ލިބޭނީ 2026ވަނަ އަހަރުގެ ތެރޭގައިކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާ ޒަމާނީކުރުމަށް އެމެރިކާއިން އަހަރަކު 4 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ފޯރުކޮށްދެއެވެ. އެ ގޮތުން އަސްކަރީ ލޯނުގެ ގޮތުގައި 8 ބިލިޔަން އެމެރިކާ ޑޮލަރު އިސްރާއީލަށް ދިނުމުގެ އިތުރުން އެހެން ޤައުމުތަކަށް ވިއްކައި އަގަށްވުރެ ހެޔޮކޮށް އިސްރާއީލަށް އެމެރިކާއިން އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ކޮންމެ އަހަރަކުވެސް ވިއްކައެވެ.