ޚަބަރު

10 އަހަރު ފަހުން ބަޙްރައިނުގެ ސަފީރެއް ސޫރިޔާއަށް


ފާއިތުވި 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބަޙްރައިނުގެ ސަފީރެއް ސޫރިޔާއަށް ޢައްޔަންކޮށްފިއެވެ. އެއީ 2011ވަނަ އަހަރުގެ ތެރޭގައި ފެށުނު ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ޤައުމާއެކު އޮތް ޚާރިޖީ ގުޅުން ހީނަރުވި ފަހުން ބަޙްރައިނުން ސަފީރެއް ޢައްޔަންކުރި ފުރަތަމަ ފަހަރެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ސޫރިޔާއާއި އެހެން ޢަރަބި ޤައުމުތަކާއެކު އޮތް ގުޅުންތައްވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ޚާއްޞަކޮށް އަވަށްޓެރި އުރުދުންނާއެކު އޮތް ޚާރިޖީ އަދި އިޤްތިޞާދީ ގުޅުންތައް ބަދަހިވެ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައްވަނީ އިތުރުވެފައެވެ. އަދި ބޮޑެތި ނުފޫޒުގަދަ ޢަރަބި ޤައުމުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއެކު ގުޅުންބަދަހިކުރުމަށް ސޫރިޔާއިންވަނީ ކާމިޔާބު މަޝްވަރާތަކެއް ކޮށްފައެވެ. އެ ގޮތުން ސޫރިޔާގައި ހުންނަ ޔޫއޭއީގެ އެންބަސީ އަލުން ހުޅުވުމުގެ އިތުރުން އެ ޤައުމުގެ އިސްވެރިންވަނީ ސޫރިޔާއަށް ރަސްމީ ދަތުރުތަކެއް ކޮށްފައެވެ. އަދި ޢަރަބި ލީގުގައި އަލުން ސޫރިޔާ ހިމެނުމަށްވެސް ޔޫއޭއީންވަނީ ވަކާލާތުކޮށްފައެވެ.

ސޫރިޔާއާއި އެހެން ޢަރަބި ޤައުމުތަކާއެކު އޮތް ގުޅުންތައް ބަދަހިވާން ފަށާފައިވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކުން ބޮޑެތި އަސްކަރީ ކުރިއެރުންތަކެއް ހޯދާފައިވަނިކޮށެވެ. އެ ގޮތުން ރަޝިޔާއާއި އީރާނާއި ލުބުނާނުގެ ހިޒުބުﷲ ޖަމާޢަތުގެ އެހީތެރިކަމާއެކު ސޫރިޔާގެ ބޮޑެތި ސަރަޙައްދުތަކެއްވަނީ އަލުން ބައްޝާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން ސޫރިޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ބައްޝާރުވަނީ ރިޔާސީ އިތުރު ދަޢުރަކާ ޙަވާލުވެވަޑައިގެންފައެވެ.

އުރުދުންނާއި ބަޙްރައިނާއި ޔޫއޭއީގެ އިތުރުން ޢުމާނުންވެސްވަނީ ސޫރިޔާއާ އަލުން ގުޅުން ބަދަހިކޮށް އެ ޤައުމަށް ސަފީރެއް ޢައްޔަންކޮށްފައެވެ.