މުނިފޫހިފިލުވުން

ފޯރިގަދަ ޝޯއަކާއެކު 2016 ވަނަ އަހަރަށް ދިވެހިން މަރުޙަބާ ކިޔައިފި


އާ އަހަރާއި ދިމާކޮށް އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ފޯރިގަދަ މިއުޒިކް ޝޯއަކާއި ހަވާ އެރުވުމުގެ ހާއްސަ ހަރަކާތަކާއެކު އައު އަހަރަށް ދިވެހިން މަރުޙަބާ ކިޔައިފިއެވެ.ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި، "ވިޒިޓް މޯލްޑިވްސް އިޔަރ 2016" ފާހަގަ ކުރަން ނިންމަވާފައި ވަނީ 1.5 މިލިއަން ފަތުރުވެރިންގެ އަމާޒަކާއިއެކުގައެވެ. ވިޒިޓް މޯލްޑިވްސް އިޔަރގެ ހަރަކާތްތަށް ރޭ ފަށާފައި ވަނީ މިއުޒިކް ފެސްޓިވަލަކުންނެވެ. "ވިޒިޓް މޯލްޑިވްސް އިޔަރ ފެސްޓިވަލްގެ" ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ރާއްޖެއާއި ބޭރުގެ ގިނައަދަދެއްގެ ފަންނާނުން ބައިވެރިވެފައިވެއެވެ. މި ފެސްޓިވަލްގައި ޝޯވ ހުށައަޅައި ދިނުމުގައި އިންޑިޔާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރ ޙުސައިން ކުވަޖެރްވާލާ ބައިވެރިވެފައިވާއިރު މިރޭ ބޭއްވި މިއުޒިކް ފެސްޓިވަލްގެ ދެވަނަ ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އާތިފް އަސްލަމްގެ ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. އާތިފް އަސްލަމަކީ، ޕާކިސްތާނަށް އުފަން ޕާކިސްތާނުގެ ލަވަކިއުންތެރިއެކެވެ. އެހެންނަމަވެސް އާތިފްއަށް މަޝްހޫރުކަން ލިބިގެން ގޮސްފައިވަނީ، އިންޑިޔާގެ ބޮލީވުޑްގެ ފިލްމްތަކަށް ލަވަކިޔައިދޭން ފެށި ހިސާބުންނެވެ.މި ޝޯގައި ބައިވެރިވި ބައެއް ދިވެހި ފަންނާނުންގެ ތެރޭގައި ފަސީ ލައިވް، މިޝީ، އަންދަލާ، އީކުވެޓިކް ވައިބްސް، ދަންމާނު ބޮޑުބެރު ގްރޫޕް، ހަރުބީ ބޮޑުބެރު ގްރޫޕްގެ އިތުރުން ކޮރިއޮޓިކްސް ޑާންސް ގްރޫޕް ފަދަ ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ހުނަރުވެރި ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. މިޝޯގެ ތެރެއިން ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ޓުއަރިޒަމް މިނިސްޓްރީން އޮގަނައިޒްކޮށް ޕަބްލިކް ސާރވިސް މީޑިއާ - ޕީއެސްއެމްގެ ފަރާތުން މެނޭޖްކުރި މިޝޯއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.