ޚަބަރު

އިންޑިޔާގައި އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އިންޑިޔާގައި އަޅައިފިއެވެ.

އިންޑިޔާގެ ސަރުކާރުން ބުނެފައިވަނީ އޮމިކްރޯން ފެތުރެން ހުއްޓުވުމަށް އެ ޤައުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމީ އައު އަހަރާ ދިމާކޮށް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި އެއްވުންތައް ބާއްވައިފިނަމަ ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ އަނެއްކާވެސް އެ ޤައުމުން ކުރިމަތިލާން ޖެހޭނެތީއެވެ. އެ ގޮތުން އިންޑިޔާގައި އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑުގެ ގަޑިތަކުގައި ބޭރަށް ނުކުތުން މަނާކުރުމާއި ރެސްޓޯރެންޓުފަދަ ތަންތަނުން ޢާއްމުންނަށް ޚިދުމަތް ފޯރުކޮށްދޭ ޢަދަދު މަދުކުރުން ހިމެނެއެވެ.

އިންޑިޔާގެ ސުޓޭޓުތަކުގެ ސަރަޙައްދީ ސަރުކާރުތަކުން ބުނެފައިވަނީ ޢާއްމު ތަންތަނަށް މީހުން އެއްވުން ހުއްޓުވުމަކީ ދަތި ކަމެއްކަމަށެވެ. އެ ކަމުގެ ސަބަބެއްކަމަށް ސަރަޙައްދީ ސަރުކާރުތަކުން ބުނެފައިވަނީ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ބާޒާރުތަކާއި ޗުއްޓީ ދުވަސްވަރުގެ ތެރޭގައި ޢާއްމުން ޖަމާވާ ތަންތަން ބަންދުކުރުން ހިމަނާފައި ނެތުމެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 13,154 މީހުންނަށް ކޯވިޑް-19 ޖެހި 268 މީހުން މަރުވެފައިވާކަމަށެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން އެ މިންވަރަށް ޢަދަދުތައް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގައި ބަލިމަޑުކަން ފެތުރެނީ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައެވެ. އެ ގޮތުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި އޮމިކްރޯން ޖެހުނު މީހުންގެ ޢަދަދު 960އަށްވުރެ އިތުރުވެފައިވެއެވެ.

އޮމިކްރޯން ފެތުރުން ހުއްޓުވުމަށް އިންޑިޔާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ ބޭސް އުފައްދާ ކުންފުނި މާކުން ބާޒަރަށް ނެރެފައިވާ ކޯވިޑް-19ގެ ބޭސް ގުޅަ ބޭނުންކުރުމުގެ ޙުއްދަ ދިނުމާއި އެ ޤައުމުގެ ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް ގެނެސް އޮކްސިޖަން ފުޅިތައް ތައްޔާރުކޮށް އެއް ފަހަރާ ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ޤާއިމުކުރުން ހިމެނެއެވެ.

އެމެރިކާއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ގޮތުން އެ ޤައުމުގައި ގާތްގަނޑަކަށް 35 މިލިޔަން މީހުންނަށް ބަލިޖެހި 478،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.