ކުޅިވަރު

ސިޓީއިން 8 ޕޮއިންޓްގެ ލީޑަކާއެކު މިއަހަރު ނިންމާލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ، އަށް ޕޮއިންޓްގެ ލީޑަކާއެކު 2021 ވަނަ އަހަރު ނިންމާލައިފިއެވެ.

ސިޓީއިން އަށް ޕޮއިންޓްގެ ލީޑެއް ނެގީ ރޭ ބްރެންޓްފޯޑް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސިޓީއިން އުފެއްދި ނަމަވެސް މިމެޗް ވީ އެޓީމަށް އެހާ ފަސޭހަ މެޗަކަށް ނޫނެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ކެވިން ޑި ބްރޫނެރ ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ފިލް ފޯޑެންއެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އަދި މީގެއިތުރުން މިލަނޑަކީ 2021 ވަނަ އަހަރު ކާމިޔާބު ކުރި 113 ވަނަ ލަނޑެވެ.

މިއީ 1960 ވަނަ އަހަރަށްފަހު އިނގިރޭސި މަތީ ފެންވަރުގެ ޓީމެއް އެއްއަހަރުގެ ތެރޭގައި ކާމިޔާބުކުރި އެންމެ ގިނަ ލަނޑެވެ. މިމެޗްގައި މީގެއިތުރުންވެސް ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް މިމެޗްގައި ބްރެންޓްފޯޑުން ވަނީ ވަރަށް ހިތްވަރު ގަދަ ކުޅުމެއް ދައްކާ ސިޓީއަށް އިތުރު ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލާފައެވެ. އަދި ހަމައެއާއެކު އެޓީމުން ވަނީ ސިޓީއަށް ދޭތެރެ ދޭތެރެއިން ނުރައްކާކޮށް ސިޓީ ހާސް ކޮށްލާފައެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިވަނީ އެޓީމް އެންމެފަހުން ކުޅުނު 10 މެޗްވެސް ކަމިޔާބުކޮށްފައެވެ. އަދި މިއާއެކު އެޓީމަށް މިވަނީ ލީގުގައި 20 މެޗުން 50 ޕޮއިންޓް ލިބި ތާވަލްގެ އެއްވަނައިގާ 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ސިޓީ އާއި އެންމެ ގާތުން ވާދަކުރާ ޗެލްސީއަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ނަމަވެސް ލިވަޕޫލް އެއް މެޗް މަދުން ކުޅެފައިވުމުން މިފަރަގު ހަ ޕޮއިންޓަށް ކުޑަ ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ އަށް ޕޮއިންޓްގެ ލީޑެއް ލިބުމަކީ ލީގު ކަށަވަރު ވުން ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް އެކަން އެގޮތަށް ގަބޫލް ނުކުރާކަމަށް ބުނެފައެވެ. އަދި ޗެލްސީ އާއި ލިވަޕޫލަކީ ވަރުގަދަ ދެޓީމް ކަމަށާއި ބާކީ 54 ޕޮއިންޓަށް ވާދަކުރަން އޮތުމުން ކޮންމެ ގޮތެއްވެސް ސީޒަންގެ ބާކީ އޮތް ބައިގައި ވެދާނެކަމަށް ވިސްނަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ. ސިޓީއަށް ދެން ކުރިއަށް އޮތީ ވަރުގަދަ ދެމެޗެވެ. އެއީ އާސެނަލް އާއި ޗެލްސީ އާއި ބައްދަލު ކުރާ ދެމެޗެވެ. މިމެޗުން ބަލިވި ނަމަވެސް ބްރެންޓްފޯޑުން މިމެޗްގައި ދެއްކި ކުޅުމަށް ބަލާއިރު އެޓީމުން މާޔޫސްވާންޖޭހެ އެއްވެސް ސަބަބެއް ނެތެވެ.

ބްރެންޓްފޯޑް މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.